2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ ނިމުނު އިރު މަސްވެރިކަމުގެ ދާއިރާއިން ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުން ފެންނަ ގޮތުން 2024 ވަނަ އަހަރުގެ ފަހު ކުއާޓާރ ނިމުނުއިރު މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ވަނިީ 71.8 އިންސައްތައިން ދަށަށް ގޮސްފައެވެ. ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު 2025 ފުރަތަމަ ކުއާޓާރގެ ތެރޭގައި މި ދާއިރާއިން ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފެނިގެންދާކަމަށް ބުނެފައިވެއެވެ. މިގޮތުން ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރު އިތުރުވެފައިވާކަމަށާއި މަސް އެކްސްޕޯޓުކުރި މިންވަރުވެސް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ކުންފުނިތަކުން ގަތް މަހުގެ ބަރުދަން 24902.3 މެޓްރިކް ޓަނަށް އަރާއިރު މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ކުންފުނިތަކުން ގަނެފައިވާ ވަރަށްވުރެ 5 އިންސައްތަ އިތުރުކަމަށް ބުނެފައިވެއެވެ. މިކަން ދިމާވި މައިގަނޑު ސަބަބަކީ ކަޅުބިލަ މަސް ގަތް މިންވަރު 7 އިންސައްތައިން އިތުރުވުމުންކަމަށްވާއިރު ކަންނެލި ގަތް މިންވަރު ދަށަށް ގޮސްފައިވާކަމަށަް ބުނެފައިވެއެވެ. އެވަރެޖްކޮށް ބަލާއިރު ގަނޑުނުކުރާ ކަޅުބިލަ މަސް ކިލޯއެއްގެ އަގު 14 ރުފިޔާގައި ޖެހޭއިރު ގަނޑުކޮށްފައިވާ ކަޅުބިލަ މަހުގެ ކިލޯއެއް 16 ރުފިޔާއަށް އަރައެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރއަށްވުރެ ދަށް އަދަދުތަކެއްކަން ފާހަގަކޮށްފައިވެއެވެ.
މަސް ގަތް އަގު ދަށްވެފައިވަނީ މިފްކޯއިން މީގެ ކުރިން ގެންގުޅުނު ފިކްސްޑް އަގުތައް އުވާލައި މާކެޓާއި އެއްހަމަ އަގުތަކެއްގައި މަސް ގަތުމަށް ނިންމާފައިވުމުންކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

