މި އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުންގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ވައްކަމާ ގުޅުންހުރި 1،372 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް ކަމަށްވާއިރު، މި ބާވަތުގެ 1،342 މައްސަލައެއް ރިޕޯޓުކޮށްފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މި އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 798 މައްސަލައާއި، މާރާމާރީގެ 268 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ފޭރުމުގެ 108 މައްސަލައާއި، ޖިންސީ ކުށްތަކުގެ 110 މައްސަލަ ހުށަހެޅިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ހަމައެހެންމެ، ގެވެށި އަނިޔާގެ 104 މައްސަލަވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މުދާ ގެއްލިގެން 423 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 263 މައްސަލަ ހުށަހެޅިފައިވެއެވެ. މީގެއިތުރުން، ޗެކު ބައުންސްވުމުގެ 2 މައްސަލައާއި، ހިޔާނާތުގެ 160 މައްސަލަ ހުށަހެޅިފައިވާއިރު، ލިޔެކިއުންތައް ނަކަލުކޮށް އޮޅުވާލުމުގެ 35 މައްސަލަވެސް ފުލުހުންނަށް ހުށަހެޅިފައިވެއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުން، ކުށްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވޭއިރު، ޚާއްޞަކޮށް ވައްކަމުގެ މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓްތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

