އެމްޑީޕީއަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ ޕާޓީގެ ލީޑަރޝިޕް އިސްތިއުފާ ދޭން ޖެހޭނެކަމަށް ޤަބޫލު ކުރައްވާކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އެއީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ. އަދި އެއީ ރިޔާސީ އިންތިޚާބު އަންނަންވާއިރު ޕާޓީ އެކަތިގަނޑަކަށް ހެދުމުގައިވެސް މުހިއްމު ރޯލެއް އަދާކުރާނެ ކަމަކަށްވާނެކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، ޕާޓީ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނަން ނުޖެހޭ ކަމަށާއި، ޕާޓީ ހިންގުމުގައި ލީޑަރޝިޕާއި އާންމު މެމްބަރުންގެ މެދުގައި އޮންނަ ގުޅުން މުހިއްމު ކަމަށެވެ. އެގޮތުން އާންމު މެމްބަރުން ގޮވައިގެން އުޅެވޭ ފަރާތަކަށް ޕާޓީ ހިންގޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ޓެކްސް ފައިސާއިން ސިޔާސީ ޕާޓީތަކަށް ފައިސާދޭއިރު، ޕާޓީތަކުން އެކަށީގެންވާ ގޮތެއްގައި ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގަންވާނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީއަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ ކަންކަން ޕާޓީން ކުރާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވިއްޖެނަމަ ޕާޓީގެ ލީޑަރޝިޕް އިސްތިއުފާ ދެއްވަން ޖެހޭނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ، އެހެން ނުވެއްޖެނަމަ ޕާޓީގެ ލީޑަރޝިޕުން އިސްތިއުފާ ދީފަ ދުރަށް ދާން ޖެހޭނީ، ކޮންމެ މީހެއް ނަމަވެސް
މޫސަ ވިދާޅުވީ، ވާހަކަތައް ދައްކަން ޖެހޭނީ ހަގީގަތަށްކަމަށާއި މިއަދު ސަރުކާރު ޖަވާބުދާރީކުރެވޭ މަންޒަރު ނުފެންނަކަމަށެވެ. އަދި މީގެ ކުރިން އެމްޑީޕީން މަދު ބަޔަކާއިއެކު މަގުތަކަށް ނުނުކުންނަކަމަށާއި މީގެ ކުރިން އެ މަސައްކަތްތައް ކުރަމުން އައިސްފައިވަނީ ވަކި ވައްޓަފާޅިއެއްގެ ތެރެއިންކަމަށްވެސް މޫސަ ވިދާޅުވިއެވެ.

