އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން 2025 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރިފަރާތް ހޮވައިފިއެވެ. މި އިނާމު ހޮވުމުގެ ރަސްމިއްޔާތު ބޭއްވީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓުގައި ޚާއްސަ ހަފްލާއެއްގައެވެ.
މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރިކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު ފައިސާގެ އިނާމެކެވެ.
މި އަހަރުގެ ޖަނަވަރީ 9 އިން މާރިޗު 30 އަށް ކުރިއަށް ގެންދެވުނު މި ޕްރޮމޯޝަންގައި، މާލެ އާއި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން ވިޔަފާރިކުރި ފަރާތްތަކަށް ތަފާތު އެކި އިނާމުތަކާއި ޑިސްކައުންޓްތައް ލިބިގެން ދިޔައެވެ. އޭގެ ތެރޭގައި ކޮންމެ ހަފްތާއަކު ވިޔަފާރިކުރި ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިންނަށް ގިފްޓް ހެމްޕަރ ހަދިޔާކުރުން ހިމެނެއެވެ.
އެސްޓީއޯއިން މި ޕްރޮމޯޝަނާ ގުޅިގެން މާލޭގެ އިތުރުން އަތޮޅުތެރޭގެ ފިހާރަތަކުގައި އާއިލީ ހަވީރުތަކާއި އެހެނިހެން ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކަކީ ރަމަޟާން މަހުގެ ޚާއްސަކަމާއެކު ކަސްޓަމަރުންނަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ރޭވިގެން ކުރިއަށް ގެންދެވުނު ކަންކަމެވެ.

