ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމުން އަރައިގަތުމުގައި ފޯރުކޮށް ދިން 400 މިލިއަން ކަރަންސީ ސްވޮޕްއާއި އެކު ރާއްޖެއަށް ބޭރު ފައިސާގެ ރިޒާވް އިތުރުވުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށް އިންޑިއާއިން ބުނެފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިހެން ބުނެފައި ވަނީ ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ ”ސީސީ“ ގައި ދަމަހައްޓާފައި ވަނިކޮށެވެ.
ދިވެހި ސަރުކާރުން ބުނި ގޮތުގައި ފިޗް ރޭޓިންގައި ރާއްޖޭގެ މާލީ ސިޔާސަތުތަކަށް މަރުހަބާ ކިޔާފައިވުމަކީ ދިވެހި ސަރުކާރުގެ މެކްރޯ އިކޮނޮމިކް ސިޔާސަތުތަކާއި އިސްލާހީ އެޖެންޑާއަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެކެވެ.
ފިޗްގެ މި ނިންމުމުގައި ފާހަގަކޮށްފައި ވަނީ ފަހަކަށް އައިސް ފެނިފައިވާ ރަނގަޅު ކުރިއެރުންތަކެކެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި، އިތުރުވަމުންދާ ބޭރު ފައިސާގެ ރިޒާވް، އަދި ފިސްކަލް ސަޕްލަސް ހިމެނެއެވެ.
ސަރުކާރުން ބުނެފައި ވަނީ މި ނަތީޖާތައް ހާސިލުވެފައި ވަނީ ސަރުކާރުން ސިޔާސަތުތައް ތަންފީޒުކުރުމާއި އިސްލާހުތައް ގެނައުމުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން ކަމަށެވެ. އަދި ހާއްސަކޮށް ބޭރު ފައިސާގެ ކަންކަން ބެލެހެއްޓުމާއި، މާލީ ޒިންމާދާރުކަމާއި، މުއައްސަސާތައް ވަރުގަދަކުރުމުގެ ދާއިރާތަކުގައެވެ.
ކަރަންސީ ސްވޮޕްގެ ސަބަބުން ރާއްޖޭގެ ރިޒާވަށް ކުރި ހެޔޮ އަސަރު ފާހަގަކޮށް އިންޑިއާއިން ވަނީ މަރުހަބާ ކިޔާފަ އެވެ. އިންޑިއާގެ ހައި ކޮމިޝަނުން ބުނި ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އާރުބީއައި މެދުވެރިކޮށް ހަމަޖެއްސި ކަރަންސީ ސޮވޮޕްގެ މުހިންމުކަން ފިޗުން ފާހަގަކުރި އެވެ.
ހައި ކޮމިޝަނުން ބުނީ ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިތަކަށް ހައްލު ހޯދުމަށް އެ ގައުމުގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި އެ ގައުމުން ގެންގުޅޭ ނެއިބާސް ފަސްޓް ޕޮލިސީގެ ދަށުން ފޮރުކޮށްދިން އެހީތެރިކަމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށް ވަނީ ބުނެފަ އެވެ.
އިންވެސްޓަރުންގެ އިތުބާރު ހަރުދަނާކުރުމާއި އިގްތިސާގެ ބިންގާ ވަރުގަދަކުރުމުގައި ސަރުކާރުން މުޅި އިގްތިސާދު ދެމެހެއްޓުމަށާއި، ހާމަކަން ބޮޑުކުރުމަށާއި، ނަތީޖާއަށް އަމާޒުކުރެވިފައިވާ ސިޔާސަތުތަކެއް ގެންގުޅެއެވެ. ހަމައެއާއެކު، މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓެޖީތައް ފަރުމާކުރުމާއި އުފެއްދުންތެރިކަން އިތުރުކޮށް ޖުމްލަ އިންވެސްޓްމަންޓް މާހައުލު ރަނގަޅުކުރުމަށް އަމާޒުކޮށްގެން ސްޓްރަކްޗަރަލް އިސްލާހުތައް ތައާރަފުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ.

