ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން އަބަދުވެސް ގޮތް ނޭނގޭ ސްކީމްއާއީ ސްކޭމްތަކުގައި ތާށިވެފައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާއަކީ މުދަލާއި ހިދުމަތް ބަދަލުކުރުމުގައި ބޭނުންކުރާ އެއްޗެކެވެ. 2025 ވަނަ އަހަރުގެ މެދުތެރެޔަށް ދިޔައިރުގަ، ޓެކްނޮލޮޖީ މިވަނީ އައު ހަރުފަތަކަށް ގޮސްފައެވެ. މި އައު ހަރުފަތަށް ދިޔަ ދިޔުމުގައި ދުނިޔެ ޓެކްނޮލޮޖީއަށް ބަރޯސާވާމިންވަރު އިތުރުވެފައިވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ޓެކްނޮލޮޖީ ތަރައްގީވުމުގެ ދަތުރުގައި، އަތުގައި ފައިސާ ބޭއްވުމުގެ ބަދަލުގައި، ޓެކްނޮލޮޖީގެ އާލާތްތައް މެދުވެރިކޮށް، ފައިސާ ރައްކާކުރުމާއި ވިޔަފާރިކުރުންވެސް އާންމުވިއެވެ. އެއީ، ކަންމަތީ ފިހާރަޔަކުން އެއްޗެއް ގަންނަންޖެހުނު ކަމުގައިވިޔަސް، މީހަކަށް ފައިސާދޭންކަމުގައިވިޔަސް، ޓެކްނޮލޮޖީގެ އާލާތްތައް މެދުވެރިކޮށް، މިހުރިހާ ކަމެއް ކުރުމުގެ މަގުމިވަނީ ފަހިވެފައެވެ. އެގޮތުން، ޓެކްނޮލޮޖީ ކުރިއަރައިގެންދިޔަދިޔުމުގައި މީގެ 16 އަހަރުކުރިން ވުޖޫދަށް އައި ކްރިޕްޓޯ ކަރެންސީ މިއަދު މިވަނީ އާންމު އެއްޗަކަށްވެފައިވާއިރު، މި ކްރިޕްޓޯ ކަރެންސީވެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރިކުރުމުގައި ބޭނުންކުރެވޭ ފައިސާގެ މަގާމު ހޯދައިފައެވެ. މި ކްރިޕްޓޯ ކަރެންސީގެ ތެރެއިން، ދިވެހިރާއްޖޭގައި މިފަހަކަށް އައިސް ވަރަށް ގިނަ ފަރާތްތަކުން އިންވެސްޓުކުރަންފެށި ކްރިޕްޓޯ ކަރެންސީ ސްމީކަމީ ޖީއެމްސީއީ ނުވަތަ ޖެމްކިއުއެވެ. މިއީ، ދިވެހީންނަށް އައުކަމަށްނުވިކަމުގައިވިޔަސް، މި ކަރެންސީއާއި މެދު ދިވެހީންގެ މެދުގައި ވަރަށް ހޫނު ބަހުސްއެއް އެބައޮތެވެ.

ކްރިޕްޓޯ ކަރަންސީއަކީ ކޮބާ؟

ކްރިޕްޓޯ ކަރެންސީއަކީ ޑިޖިޓަލް ނުވަތަ ވާޗުއަލް ފައިސާއެވެ. މިއީ، ރައްކާތެރި ގޮތެއްގައި ޓްރާންސެކްޝަން ކުރިއަށް ގެންދިޔުމަށްޓަކައި އެންޑުވާންސްޑު އެންކްރިޕްޝަން(ކްރިޕްޓޯގްރަފީ)ބޭނުންކޮށްގެން ހިންގާ ފައިސާއެކެވެ. މި ފައިސާއަކީ އާންމުކޮށް ބޭނުންކުރާ، އެ ގައުމެއްގެ ސެންޓްރަލް ބޭންކުން އެ ގައުމެއްގެ ގައުމީ ފައިސާގެ ގޮތުގައި ބޭނުންކުރާ ފައިސާއާއި ވަރަށް ތަފާތު ފައިސާއެކެވެ. އެއީ، މި ފައިސާއަކީ ޑީސެންޓްރަލައިޒްޑު ނުވަތަ އެއްވެސް ސަރުކާރުގެ ބާރު ފޯރުވުމެއް ނެތި ހިންގާ އަދި ބޭނުންކުރާ ކަރެންސީއަކަށްވާތީއެވެ. އެގޮތުން، ކްރިޕްޓޯ ކަރެންސީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަރެންސީއަކީ، ބިޓްކޮއިންއެވެ. މީގެއިތުރުން، އެތީރިއަމްއާއި ސޮލާނާގެ އިތުރުން ޓެދާއާއި 1000އެއްހާ ގިނަ ކްރިޕްޓޯ ކަރެންސީ ހިމެނެއެވެ.

ކްރިޕްޓޯ ކަރެންސީ މަސައްކަތްކުރާ ގޮތް

ކްރިޕްޓޯ ކަރެންސީ މަސައްކަތްކުރާ ގޮތަށް ބަލާއިރުގަ، މި ކަރެންސީ މަސައްކަތްކުރަނީ ”ބްލޮކް ޗެއިން“ ޓެކްނޮލޮޖީގެ އެހީގައެވެ. އެގޮތުން، ކްރިޕްޓޯ ކަރެންސީ ޓްރާންސެކްޝަނެއް ކުރިއަށް ގެންދާއިރު، އެއް މީހަކު އަނެއް މީހަކަށް ކްރިޕްޓޯ ކަރެންސީ ފޮނުވާއިރު މި ޓްރާންސެކްޝަން ބްލޮކްއަށް ދާނެއެވެ. މި ބްލޮކު ވެރިފައިކުރުމަށްޓަކައި ނޯޑުސް ނުވަތަ ކޮމްޕިއުޓަރުތަކުން މަސައްކަތްކުރެއެވެ. އެއަށްފަހު، އެ ބްލޮކް ވެރިފައިވުމަށްފަހު، ކުރިން ބްލޮކު ޗެއިނަށް ލެވިފައިވާ ބްލޮތަކުގެ ތެރެއަށް އެ ވެރިފައިވި ބްލޮކު ލެވިގެންދާނެއެވެ. އެގޮތުން، ”ބްލޮކު ޗެއިން“ ކިޔެނީ، އެއް ބްލޮކަށްފަހު އަނެއް ބްލޮކު ވިދިވިދިގެން އެ ޗެއިނަށް ލެވޭތީއެވެ. އަދި، ބްލޮކު ޗެއިނަށް ބްލޮކެއް ނުވަތަ ޓްރާންސެކްޝަނެއް ލުމަށްފަހު، އަނބުރާ އެ ބްލޮކެއް ނެގުމުގެ ފުރުސަތެއް ނުލިބޭނެއެވެ. މިކަމުގެ ސަބަބުން، ދާއިމީ އަދި ހާމަންބޮޑު ޓްރާންސެކްޝަން ރިކޯޑެއް ބެހެއްޓިގެންދެއެވެ.

ކްރިޕްޓޯ ކަރެންސީ ބޭނުންކުރާ ގޮތްތައް

ކްރިޕްޓޮކަރެންސީއަކީ ވަރަށް ގިނަ ގޮތްތައް ބޭނުންކުރެވޭ އެއްޗެކެވެ. އެގޮތުން، މުދަލާއި ހިދުމަތްތައް ބަދަލުކުރުމުގައި ކްރިޕްޓޯކަރެންސީ ބޭނުންކުރާއިރު، ކްރިޕްޓޯ ކްރެންސީ ގަތުމަށްފަހު، އެ ކަރެންސީ އަތުގަ ބެހެއްޓުމަށްފަހު، ”ސްޕެކިއުލޭޓުކުރެއެވެ. ސްޕެކިއުލޭޓުކުރުމަކީ، އާންމުކޮށް ބޭނުންކޮށްއުޅޭ ގައުމުތަކުގެ ފައިސާގަތުމަށްފަހު، މުސްތަގުބަލުގައި އެ ފައިސާގެ އަގު މަތިވާނެކަމަށް ލަފާކޮށް، އެ ފައިސާ އަތުގައި ބެހެއްޓުމެވެ.

މީގެއިތުރުން، ކްރިޕްޓޯ ކަރެންސީ ޑީސެންޓްރަލައިޒްޑު ފައިސާއަކަށްވުމާއިއެކު، މި ފައިސާ ބޭނުންކޮށްގެން، ޑީސެންޓްރަަލައިޒްޑު ފައިނޭންސިންގ(ޑީފީ)ކުރެއެވެ. މިއީ، ކްރިޕްޓޯ ކަރެންސީ ބޭނުންކުރާ އެއް ފަރާތަކުން އެނެއް ފަރާތައް ފައިސާ ލެންޑުކުރުމެވެ. މިފަދަ ލެންޑިންގުގައި ބޭންކުތަކުން ދޭ ލޯނުގައި ޗާޖުކުރާ އިންޓްރެސްޓު ނުހިމެނެއެވެ.

ހަމައެއާއިއެކު، ކްރިޕްޓޯކަރެންސީގައި، ނޮން-ފަންޖިބަލް ޓޯކެން(އެންއެފްޓީ)އާއި ގޭމުތަކުގެ ތެރޭގައި ހުންނަ އެސެޓުތައް ގަނެވެއެވެ.

ކްރިޕްޓޯކަރެންސީ ބޭނުންކުރާ ސަބަބުތައް

އާންމުކޮށް ބޭނުންކުރާ ފައިސާއަށް ވުރެ، ކްރިޕްޓޯ ކަރެންސީގައި އެއްވެސް އިދާރާއެއްގެ އަތެއް ނެތުމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ކްރިޕްޓޯ ކަރެންސީ ކަމުދެއެވެ. މީގެއިތުރުން، ކްރިޕްޓޯކަރެންސީގައި ކުރެވޭ ޓްރާންސެކްޝަންތަކަކީ ބްލޮކް ޗެއިން މެދުވެރިކޮށް، ކުރެވޭ ޓްރާންސެކްޝަންތަކަކަށްވާތީ، މި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ރައްކާތެރިވެ، ހާމަކަންބޮޑުވުމުގެ ސަބަބުންނާއި އިންޓަނެޓު ހުރި ކޮންމެ ފަރާތްތަކަަށް ކްރިޕްޓޯކަރެންސީ ބޭނުންކުރެވުމުގެ ސަބަަބުން، ބޭނުންކުރަން ފަސޭހަވުމާއިއެކު، ކްރިޕްޓޯކަރެންސީ އެއް މީހަކުގެ އަތުން އަނެއް މީހާގެ އަތައް ދާން ނަގާ ވަގުތު ކުރުވުމުގެ ސަބަބުންވެސް ވަރަށް ގިނަ ފަރާތްތައް ކްރިޕްޓޯކަރެންސީ ހިޔާރުކުރެއެވެ.

ސައްހަ ކްރިޕްޓޮ ކަރެންސީގެ ސިފަތައް

  • ސައްހަ ކްރިޕްޓޮ ކަރެންސީގެ ސިފަތަކަށް ބަލާއިރުގަ، އެ ކްރިޕްޓޯކަރެންސީއަކީ ޑިސެންޓްރަލައިޒްޑު ނެޓްވޯކެއްގައި ހިންގާ ކަރެންސީއަކަށް ވާންޖެހެއެވެ. އެގޮތުން، ކްރިޕްޓޯކަރެންސީއަކީ އާންމުކޮށް، ބްލޮކު ޗެއިން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހިންގާ ކްރިޕްޓޯކަރެންސީއެވެ.
  • ކްރިޕްޓޯކަރެންސީއަކީ ބްލޮކު ޗައިން މެދުވެރިކޮށް ހިންގާ ކަރެންސީއަކަށްވާއިރު، މި ކަރެންސީ އޯޕަން ސޯސްއެއްޗަކަށް ވާންޖެހޭނެއެވެ. މީގެ މާނައަކީ، އެ ކަރެންސީގައި ހިންގާ ކޯޑު އާންމުންނަށް ފެންނަ ގޮތައް ހުންނަން ޖެހޭނެއެވެ. އެގޮތުން، މި ކޯޑު އެންމެންނަށް ފެންނަން ހުރުމުގެ ސަބަބުން ކޯޑު ޑެވެލޮޕްކުރާ ފަރާތްތައް އެ ކޯޑު ބަލާފާސްކޮށް، އެ ކްރިޕްޓޯކަރެންސީގައި އެއްވެސް ސިއްރުކުރެވިފައިވާ ހަގީގަތްތައް ހޯދާ، ކޯޑުގެ ބަގްތަައް ހޯދައި، ދެނެގަނެވޭނެއެވެ.
  • ކްރިޕްޓޯ ކަރެންސީއަކީ ސަޕްލައި މަދުއެއްޗަކަށްވުމަކީ، ކްރިޕްޓޯކަރެންސީގެ ސައްހަކަން އަނގައިދޭ އެއް ސިފައެވެ. އެގޮތުން، ސައްހަ ކްރިޕްޓޯ ކަރެންސީތަކުގައި ފިކްސްޑު ނުވަތަ ކެޕްޑު ސަޕްލައިއެއް ހުންނައިރު، މިއީ އެ ކްރިޕްޓޯ ކަރެންސީގެ ސަބަބުން އިންފްލޭޝަން ފަދަ އިގްތިސާދު ހީނަރުވާނެފަދަ ހާލަތްތައް މެދުވެރިވުމުން ރައްކާތެރިކޮށްދެއެވެ. އެގޮތުން، ކްރިޕްޓޯކަރެންސީތަކުގެ ތެރޭގައި ހިމެނޭ ބިޓްކޮއިންގައިވެސް ސަޕްލައިގެ ލިމިޓެއްގެ ގޮތުގައި ވަނީ 21 މިލިއަން ކޮއިން ކަނޑައަޅައިފައެވެ.
  • މީގެއިތުރުން، ސައްހަ ކްރިޕްޓޯކަރެންސީއަކީ، ސަރުކާރުގެ އަތެއް ނެތި ހިންގާ ކަރެންސީއަކަށްވާއިރު، މި ކަރެންސީއަކީ އެ ބޭނުންކުރާ ފަރާތްތަކުގެ ގައުމުގެ ގާނޫނާއި އެއްގޮތުގެ މަތިން ހިންގާ ކަރެންސީއަކަށް ވާޏްޖެހެއެވެ. އެގޮތުން، މި ކަރެންސީ ބޭނުންކުރާ ފަރާތްތަކަށް ދޮގު ވައުދުތައްވެ، ސްކޭމްނުކުރާ ކަރެންސީއަކަށް ވާންޖެހެއެވެ.

ޖެމްކިއުއަކީ ކޮބާ؟

ޖީއެމްސީއީ ނުވަތަ ޖެމްކިއުއަކީ، ދުނިޔޭގައި މިވަގުތު ވަރަށް ގިނަ ފަރާތްތަކުން ބޭނުންކުރާ ކްރިޕްޓޯ ކަރެންސީއެކެވެ. އަދި ދިވެހިރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންވެސް ބޭނުންކުރާ ކްރިޕްޓޯ ކަރެންސީއެކެވެ. އެގޮތުން، ޖެމްކިއު ހިންގާ ގޮތަށް ބަލާއިރު، މިއީ އެ ކަރެެންސީއަށް އިންވެސްޓުކުރާ އަދަދެއްގެ 2.5 އިންސައްތައިގެ ރިޓާނެއް ލިބޭގޮތަށް ހިންގާ ކަރެންސީއެކެވެ. އަދި މި ކަރެންސީއަކީ އޭއައިގެ ބާރުބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑުކޮށް، ފައިދާ ހޯދާ ޕްލެޓްފޯމަކަށްވާއިރު، މި ކަރެންސީއަށް އިންވެސްޓުކޮށްގެން، ދުވާލެއްގެ މައްޗަށް އެ އިންވެސްޓުކުރާ އަދަދެއްގެ މައްޗަށް ބިނާކޮށް ފައިދާ ލިބޭތީއާއި ބޯނަސް ދައިދާ ލިބޭތީ ވަރަށް ގިނަ ފަރާތްތަކުން މި ކްރިޕްޓޯކަރެންސީއަށް އިންވެސްޓުކުރާކަން ފާހަގަކޮށްލެވެއެވެ.

ޖެމްކިއުއަކީ ސައްހަ އެއްޗެއްތަ؟

ޖެމްކިއު ޕްލެޓްފޯމް ހިންގާ ގޮތަށް ބަލާއިރުގަ، ސައްހަ ނޫން ކްރިޕްޓޯ ކަރެންސީ ސްކީމްއެއްގެ ސިފަތައް ހުންނަކަމާއި ސައްހަ ކްރިޕްޓޯ ކަރެންސީއެއްގައި ހުންނަ ސިފަތައް ނެތްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ޖެމްކިއުއަކީ ސައްހަ ކްރިޕްޓޯ ކަރެންސީތައް ހިންގުމުގަިއ ބޭނުންކުރާ ބްލޮކްޗެއިންނެއް އަދި ޓޯކަން ޔޫޓިލިޓިއެއް ނެތް ކަރެންސީއެކެވެ. އެގޮތުން، ޖެމްކިއު ހިންގަނީ ވެރިފައިކުރުމުގެ ގާބިލުކަމެއްނެތް ބްލޮކް ޗެއިން ނެޓްވޯކެއްގައެވެ.

މީގެއިތުރުން، ޖެމްކިއުގެ ޕްލެޓްފޯމަކީ އޯޕަން ސޯސްއެއް ހުރި ޕްލެޓްފޯމެއްނޫނެވެ. އަދި ހާމަކަންބޮޑު ގޮތެއްގައި އާންމުންނަށް ފެންނަ ގޮތަށް ޖެމްކިއުގެ ކަރެންސީއިން ހިންގާ ޓްރާންސެކްޝަންސް ފެންނާނެ ލެޖާއެއްވެސް ނުހުރެއެވެ. މީގެ މާނައަކީ، ޖެމްކިއު ބޭނުންކުރާ ފަރާތްތަަކަށް އެ ކަރެންސީ ބޭނުންކުރާ ފަރާތްތަކަށް، އެ ކަރެންސީ ބޭނުންކުރާ ގޮތްތަކާއި އެ ކަރެންސީ ބޭނުންކޮށްގެން ވިޔަފާރިކުރާކަމުގެ މައުލޫމާތު ނުލިބޭކަމެވެ.

ހަމައެއާއިއެކު، ޖެމްކިއުގެ އިސްވެރީން ދުވާލެއްގެ މައްޗަށް އިންވެސްޓުކުރާ އަދަދުގެ 2.5 އިންސައްތައިގެ ރިޓާނެއް ދޭނެކަމަށް ވައުދުވެއެވެ. މިއީ، އެއްވެސް ސައްހަ ކްރިޕްޓޯކަރެންސީއަކުން ކުރާކަމެއްނޫނެވެ. ސައްހަ ކްރިޕްޓޯކަރެންސީއެއްގައި މަތީ ރޭޓެއްގައި އަދި ފިކްސްޑު ޕްރޮފިޓެއް ނުވަތަ ރިޓާން އޮން އިންވެސްޓުމެންޓެއް ދޭނެކަމުގެ ޔަގީންކަމެއް ނުދޭނެއެވެ.

މީގެއިތުރުން، ޖެމްކިއުގައި ހުރި ސިފަތަކުން، ޖެމްކިއުއަކީ ޕިރަމްމިޑް ސްކީމެއްކަން ހާމަކޮށްދެއެވެ. ސަބަބަކީ، ޕިރަމިޑް ސްކީމުގައި ހިމެނޭ، މީހުން އެ ސްކީމުގައި ބައިވެރުކުރުމަށް ބާރުވެރުކުރުމާއި، އާދަޔާ ހިލާފަށް ބޮޑެތި ރިޓާންތައް ދޭނެކަމުގެ ވައުދުތަކާއި ފަސޭހައިން ފައިދާވެވޭ އަދި ޕެސިވް އިންކަމް ލިބޭތީ، ޖެމްކިއުއަކީ ޕިރަމިޑް ސްކީމެއްގެ ދަށުން ހިންގާ ކްރިޕްޓޯ ކަރެންސީއެކެވެ.

އަދި، ޖެމްކިއުއަކީ ދިވެހިރާއްޖޭގައި އެ ކަރެންސީ ބޭނުންކުރުމުގެ ހުއްދަ އަދި ރާއްޖޭގެ ފިނޭންސް އިދާރާގެ ހުއްދައޮތް ކަރެންސީއަކަށް ނުވުމަކީވެސް، ޖެމްކިއު ސައްހަނޫން ކަރެންސީއަކަށްވުމުގެ ސަބަބުގެ ތެރެއިން ސަބަބެކެވެ. އެގޮތުން، މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިތީ(ސީއެމްޑީއޭ)އިން ފާހަގަކޮށްފައިވާގޮތުގައި، މިއީ ދިވެހިރައްޖޭގެ އިންވެސްޓުމަންޓު ގާނޫނާއި ހިލާފުވާ ކަރެންސީއެއްކަމަށެވެ.

މީގެއިތުރުން، ޖެމްކިއުވަނީ އޭއައި ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑުކުރާކަމަށް ބުނެ، ދޮގު މައުލޫމާތު ދީފައެވެ. ޔޫއެސް ރެގިއުލޭޓާއެއްގެ ފަރާތުން ދޮގު ސިޓީއެއްވެސް ވަނީ ހާމަކޮށްފައެވެ.

އަހަރެން ދެކޭގޮތް

ކްރިޕްޓޯކަރެންސީއަށް އިންވެސްޓުކޮށް، އެ ކަރެންސީ މެދުވެރިކޮށް، ޓްރޭޑުކޮށް، ވިޔަފާރީގެ މުއާމަލާތްކުރުމަކީ އަހަރެން ގަބޫލުކުރާގޮތުގައި ރަނގަޅުކަމެވެ. އެހެންނަމަވެސް، މިކަންތައްތައްކުރެވެންޖެހޭނީ ގާނޫނާއި އެއްގޮތުގެ މަތިން އަދި ވަކި ހަމައެއްގެވެސް މަތިންނެވެެ. މި ޒަމާނަކީ ޓެކްނޮލޮޖީން ވަށާލައިފައިވާ ޒަމާނަކަށްވުމާއިއެކު، ކްރިޕްޓޯފަދަ ކަރެންސީތައް ބޭނުންކޮށްގެން އަމިއްލަ ޖީބަށް ފައިސާލުމަކީ ވަރަށް ގިނަ ފަރާތްތަކަށް އެކަމުން ލިބޭނެ ފައިދާއެކެވެ. އެހެންނަމަވެސް، ޖެމްކިއު ސްކީމަކީ، ސައްހާނޫން ކްރިޕްޓޯ ކަރެންސީއެއްކަމަށާއި އެއީ ޕިރަމިޑް ސްކީމެއްކަމަށް ބުނެ ފުލުުހުން ސަމާލުވުމަށް ގޮވާލިއިރު،  އެ ސްކީމް އަދިވެސް ބޭނުންކުރާ މީހުން ގިނަކަމީ، ގިނަ ދިވެހީންނަކީ އަޑުއެހުމުގެ ގާބިލުކަމެއްނެތް، ބޮޑާބައެއްކަން ހާމަވާކަމެކެވެ. އަދި ސްކީމަށް އިންވެސްޓުކޮށް، ކަމާބެހޭ އިދާރާތަކުން ގޮވާ ގޮވުމަށް އަޑުނާހާ އެގޮތުގެ މަތީގައި ދެމިތިބެގެން ލަނޑުލިބޭނެމީހުންވެސް ހުންނާނެއެވެ. އެހެންކަމުން، ސައްހަނޫން ގަނޑުގަތީމަ ލިބޭނީ ބޮންޑިއަކީ އިންކާރުނުކުރެވޭނެ ހަގީގަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: