2025 ވަނަ އަހަރުގެ ފުރަތަމަ ބައިގައި ދައުލަތުގެ ޚަރަދުތައް ފާހަގަކޮށްލެވޭ މިންވަރަކަށް ކުޑަކުރެވިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ. ޖުމްލަ 20.6 ބިލިއަން ރުފިޔާގެ ޚަރަދު ކުރެވިފައިވާއިރު، މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ. ޚާއްޞަކޮށް ކެޕިޓަލް ޚަރަދުތައް ވަނީ 72.1 އިންސައްތައިން ދަށްކުރެވިފައެވެ.
އިދާރީ އަދި ހިންގުމުގެ ޚަރަދުތައް
2025 ވަނަ އަހަރަށް ފާސްކުރެވުނު 20.8 ބިލިއަން ރުފިޔާގެ އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުގެ ތެރެއިން މިހާތަނަށް ޚަރަދުވެފައިވަނީ 8.2 ބިލިއަން ރުފިޔާއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ޚަރަދު 71.5 އިންސައްތައިން ދަށްވެފައިވާއިރު، ދަތުރުފަތުރުގެ ޚަރަދުތައްވެސް ވަނީ 17.2 އިންސައްތައިން ދަށްކުރެވިފައެވެ.
އާމްދަނީގެ އިތުރުވުން
ދައުލަތުގެ އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 17.0 ބިލިއަން ރުފިޔާ ލިބި، މިއީ ކުރީ އަހަރާ އަޅާބަލާއިރު 6.0 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހުގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކުހުގެ އާމްދަނީ 88.5 އިންސައްތައިން އިތުރުވެފައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ
އެއާޕޯޓް ސަރވިސް ޗާޖުން ލިބޭ އާމްދަނީ 46.9 އިންސައްތަ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން ލިބޭ އާމްދަނީ 44.5 އިންސައްތަ އިތުރުވެފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު
އާމްދަނީގެ އިތުރުވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާގެ އަދަދުވެސް ވަނީ 42.9 އިންސައްތައިން އިތުރުވެފައެވެ. މިއީ ދައުލަތުގެ މާލީ ހަރުދަނާކަން އިތުރުވަމުންދާކަމުގެ ހެއްކެކެވެ.
ދައުލަތުން ތަންފީޛުކުރަމުންދާ ޚަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކާއި ބަޖެޓް މެނޭޖްމަންޓް އުސޫލުތަކުގެ ސަބަބުން، ދައުލަތުގެ މާލީ ހާލަތު ވަނީ ރަނގަޅު ދިމާއަކަށް ބަދަލުވެފައެވެ. ޓެކުހުގެ ރޭޓުތަކަށް ގެނެވުނު ބަދަލުތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރެއް ނުކުރާކަންވެސް ވަނީ ސާބިތުވެފައެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވި އަހަރުތަކުގައި ނަގާފައިވާ ދަރަނިތައް އަދާކުރުމަށް 5.1 ބިލިއަން ހޭދަކުރުމާއެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން ރުފިޔާ އަރަނިވެފައިވުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

