އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފިކުރަށް ފުރުސަތު ދީ، އެ މެމްބަރުން އިންތިހާބު ކުރުމަށް ވިސްނުން ގެންގުޅެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހަފްތާ ބަންދާއި ދިމާކޮށް އެމްޑީޕީގެ ލީޑާޝިޕާއި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ވަނީ ފުވައްމުލަކަށް ވަޑައިގެންފަ އެވެ. އަދި ރޭ އޮތް ޖަލްސާގައި ގިނަ މެމްބަރުންގެ ވާހަކައިގައި ފާހަގަކުރީ ސަރުކާރު ޖަވާބުދާރީ ކުރުވައި، ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.
ދީދީ ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖެއަށް ގިނަގުނަ ތަރައްގީ ގެނެސްދީފައިވާނެކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދޮޅު އަހަރުވެގެން ދިޔައިރު، ގެނެވުނު ތަރައްގީއަކާއި މެދު ދީދީ ސުވާލު އުފެއްދެވި އެވެ.
ދީދީ ވިދާޅުވީ އެއާޕޯޓު އެޅުމާއި އެކު، މަގުތައް ހެދުމުގެ މަސައްކަތާއި ހިލޭ ޑިގްރީ ފަދަ ޕްރޮގްރާމްތުތައް ފެށިގެން އައީ ކުރީ ސަރުކާރުގައި ކަމަށެވެ.
މީގެ އިތުރުން މިސަރުކާރުން ވެރިކަމަށް އައީ އައްޑޫ ސިޓީގައި ބްރިޖެއް އަޅާނެކަމުގެ ހުވަފެން ރައްޔިތުންނަށް ދައްކައިގެން ނަމަވެސް، ދެކުނުގެ ރައްޔިތުން އެ ބްރިޖާއި ގުޅޭގޮތުން ތަކުރާރުކޮށް ކުރާ ސުވާލުތަކަށް މި ސަރުކާރުން ދޭ އެއްވެސް ޖަވާބެއް ނެތްކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ 2024 ވަނަ އަހަރު މި ބްރިޖުގެ އަމަލީ މަސައްކަތްތަށް ފަށާނެ ކަމަށް ވައުދުވި ނަމަވެސް އަދި މިހާތަނަށް މަސައްކަތް ކުރިޔަށް ގެންދިއުމަށް ބަޔަކާއި ހަވާލު ކުރުމުގެ އެއްވެސް މަރުހަލާއެއް ފަށާފައި ނުވާކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ލޮލަށް ފެނިދާނެ ތަރައްގިއެއްތޯ ދީދީ ސުވާލު ކުރެއްވި އެވެ.
މެމްބަރުގެ ވާހަަކަ އިތުރަށް ކުރިއަށް ގެންދަވަމުން މި ސަރުކާރު ވެރިކަމަށް އައީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިންކަމާއި ވެރިކަމަށް އައިސް މި ނިޒާމުގެ ބާރު ކަނޑުވާލަން މަސަތްކަތްތަކެއް ކުރިކަމަށް ތުޙުމަތުކުރެއްވިއެވެ.
އެގޮތުން ތިންބާރު ވަކިކޮށްފައޮތް ނިޒާމެއް އޮއްވައި ޖުޑީޝަރީއަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކުރެއްވި އެވެ. އެއަށް ފަހު މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްޓަކައިކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ.

