ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ޓީޗަރުންގެ ނިސްބަތަށް ބަލާއިރު، 22 އިންސައްތައަކީ ބިދޭސީ މުދައްރިސުން!

ރެހެންދި ސުކޫލު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޓީޗަރުންގެ ނިސްބަތަށް ބަލާއިރު، 22 އިންސައްތައަކީ ބިދޭސީ މުދައްރިސުންކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އޯލެވެލް ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގެ އެކި ސެޝަންތަކުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ގެންދަވަނީ ތައުލީމީ ޙާލަތާ ގުޅޭގޮތުން ފާހަގަވާ އެކިއެކި ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ.

އާދިއްތަ ދުވަހު ހެނދުނު ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި އަހަރު ކުރިއަށް ގެންދާ މަތީ އަރުތަވެރިންގެ ޙަފްލާއަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޙަފްލާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ތައުލީމީ ދާއިރާއަށް އެކިއެކި ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެ ގޮންޖެހުންތައް ޙައްލު ކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއްވެސް އަޅަމުންދާނެ ކަމަށެވެ. އަދި ދަރިވަރުންނަށްވެސް ފަސޭހައިން އުނގެނުމުގެ މަގުތަކެއް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މުދައްރިސުންގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ، މުދައްރިސުން ކުރަމުންދަނީ އަގު ނުކުރެވޭ ބުރަ މަސައްކަތެއް ކަމަށާއި، މުދައްރިސުންނަކީ ޤައުމު ބިނާ ކުރުމުގައި މުހިއްމު ރޯލެއް އަދާކުރާ ބައެއް ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ޓީޗަރުންގެ ނިސްބަތަށް ބަލާއިރު، 74 އިންސައްތައަކީ ދިވެހި މުދައްރިސުންކަމާއި، 22 އިންސައްތައަކީ ބިދޭސީ މުވައްޒަފުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ބާކީ 4 އިންސައްތައަކީ މުދައްރިސުން ލިބުމުގެ ދަތިކަން ހުރުމާއެކު ނަގާފައިވާ ވަގުތީ މުދައްރިސުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ދިވެހި، އިސްލާމް، ޤުރުއާން އަދި ޕްރައިމަރީ ޓީޗިންގ ގެ ދާއިރާ ހިމެނެއެވެ. މިނިސްޓަރ ވިދާޅުވާ ގޮތުގައި އެ 4 ދާއިރާއިން ޓީޗަރުން ލިބުމުގެ ދަތިތައް އެބަހުއްޓެވެ.

މިނިސްޓަރ ވިދާޅުވީ، އެނޫނަސް ބައެއް ދާއިރާތަކުގައި ޓީޗަރުން ހޯދުމުގެ ދަތިތައް އެބަހުރި ކަމަށެވެ. އެގޮތުން ސެން ޓީޗަރުންނަށް ބަލާއިރުވެސް 600 އެއްހާ ޓީޗަރުންނާއި، ޕްރައިމަރީގެ 200އެއްހާ މުވައްޒަފުން ބޭނުންވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޓީޗަރުންގެ އިންސައްތައިގެ 76 އިންސައްތައަކީ އަންހެން ޓީޗަރުން ކަމަށާއި، 24 އިންސައްތައަކީ ފިރިހެން ޓީޗަރުން ކަމަށެވެ. އެއީ ބިދޭސީ އަދި ދިވެހި ޓީޗަރުން ހިމަނައިގެންނެވެ. ނަމަވެސް ހަމައެކަނި ދިވެހި ޓީޗަރުންގެ ނިސްބަތަށް ބަލާއިރު، ފިރިހެން ޓީޗަރުންގެ އަދަދު ނިސްބަތުން މަދުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވަނީ ޓީޗިންގ ގެ ދާއިރާއަށް ނުކުތުމަށްވެސް ދަރިވަރުންނަށް ފުރުސަތު އޮތްކަމަށް ވިދާޅުވެ، އެކި ޤައުމުތަކުގައިވެސް އެ ނިޒާމު އެގޮތަށް އޮންނަކަމަށް ވިދާޅުވެފައެވެ.

ޓީޗަރުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމެއް ސަރުކާރުން ހިންގަމުންދަނީވެސް މި ކަންކަމުގެ މުހިއްމު ކަން ބޮޑުވުމުގެ ސަބަބުން ހިންގަމުންދާ ޕްރޮގްރާމްތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: