މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތިކަމަށާއި، މީހާގެ ވިސްނުމަށް ބަލައި ވަޒީފާ ދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ގެންގުޅެފައި ނުވާނެކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސަރުކާރަށް ވުރެ، މި ސަރުކާރުގައި ސިޔާސީ މަގާމުތައް މަދު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެމަނިކުފާނު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރައްވާނެކަމަށެވެ.
ވެރިކަމަށް ދޮޅު އަހަރުވެގެން ދިޔައިރު، ސިޔާސީ މުވައްޒަފުންގެ އަދަދާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އަދި ވަނީ އިދިކޮޅުން ވަނީ ސިޔާސީ މަގާމުތައް 1000 އަށް އަރާކަމަށް ބުނެފަ އެވެ.
މި ތުހުމަތުތަކަށް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މުސްތަފާ ވިދާޅުވީ، މި ސަރުކާރުގެ ސިޔާސީ މަގާމުތައް އެމްޑީޕީގެ ދައުރުގައި އައްޔަނު ކުރި މިންވަރަށް ވުރެ މަދުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިިކަމުގައި އެއްވެސް މަސައްކަތެއް ނެތި، ސިޔާސީ ނިޔަތެއްގައި ދީފައި ހުރި މަގާމުތައް މާ ގިނަކަމަށް ތުހުމަތު ކުރައްވައި މުސްތަފާ ވިދާޅުވީ މި ސަރުކާރުން އެފަދަ ނިޔަތެއްގައި ދިން އެއްވެސް މަގާމެއް ނެތްކަމަށެވެ.
މުސްތަފާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުފައި އަމަލު ކުރި ގޮތަށް، ސިޔާސީ ފިކުރަކަށް ބަލައި ވަޒީފާއިން ވަކި ކުރުމުގެ އެއްވެސްކަމެއް މި ސަރުކާރުގައި ހިނގާފައި ނޯންނާނެކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ކުންފުނިތަކާއި އިދާރާތަކަށް ނުކަތާވަރަށް އުފައްދާފައި ހުރި ވަޒީފާތައް ވެސް މަދުކޮށް އެ މީހުންނާއި މެދު އިހާނެތިކޮށް ހިތާފައި ނުވާނެކަމަށް މުސްތަފާ ވިދާޅުވި އެވެ.
ވަޒީފާއަކުން މީހަކު ވަކި ކުރުމަކީ އާއިލާއަކާއި އެތައް ބަޔަކަށް ދެވޭ ބޮޑު އަނިޔާއެއްކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ، މި ސަރުކާރުން އެއްވެސް ބަޔަކަށް އެފަދަ ގެއްލުމެއް ނުދޭނެ ކަމަށެވެ. އަދި މަސައްކަތް ކުރަނީ އެންމެންނާއި އެކު ކުރިޔަށް ދިއުމަށްކަމަށާއި އިންތިހާބުތަކާއި ދިމާކޮށް އެމްޑީޕީ އުފައްދާފައި ހުރި ވަޒީފާތަކުން މުވައްޒަފުން ވަކިކޮށް މުސާރަ ކުޑަކުރުން ފަދަ އެއްވެސްކަމެއް ރައީސް މުއިއްޒު ނުކުރައްވާނެކަމަށް މުސްތަފާ ވިދާޅުވި އެވެ.
ވަޒީފާތައް އުފައްދައި ސަރުކާރުން މަގާމުތައް ދެމުން ގެންދާކަމަށް ދެކެވޭ ވާހަކައަށް މުސްތަފާ ވިދާޅުވީ، އެއީ ކަންބޮޑުވާންޖެހޭކަމެއްގެ ގޮތުގައި ނުދެކޭކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް ފަހިވުމަކީ އެންމެން ވެސް އެދޭ ގޮތްކަމަށްވުމެވެ. އަދި ވިދާޅުވީ ކަންބޮޑުވެ ޝަކުވާ ކުރަން ޖެހޭ ހާލަތެއް އަންނާނެކަމަށް ގަބޫލު ކުރައްވައި ވަޒީފާތަކުން މުވައްޒަފުން ވަކި ކުރަމުން ދާނަމަ ކަމަށެވެ.
މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައި ތިބި މީހުންގެ އަދަދު މިދިޔަ ސަރުކާރުން އައްޔަންކޮށް ހުންގެ އަދަދަށް ވުރެ މަދުވާނެ މަދުވާނެ.. އަދި ކުންފުނިތަކަށް ލާފައި ކުންފުނިތަކަށް ވައްދާފައި ހަމަ މަސައްކަތެއް ނެތި ވައްދާ ތިބި މީހުންގެ އަދަދު ވެސް މިދިޔަ ސަރުކާރުގައި ވައްދާތީ އަދަދަށް ވުރެ ގައިމު ވެސް މި ސަރުކާރުގައި ވައްދާފައި ހުރި އަދަދު މަދުވާނެ.. އިނގޭތޯ އެހެންވީމާ އެއީ އޭގެ އެއް ކަންތައް ހަމަ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އިނގޭތޯ.. އެހެންނަމަވެސް އަޅުގަނޑުމެންގެ މި ސަރުކާރުގައި ނުކުރާ ކަމަކީ ނުކުރާ ކަމަކީ ކުރީގައި ހަމަ ސަރުކާރުގައި ވައްދާފައި ތިބި މީހުންނާއި އެކީގައި ސަރުކާރު ކުރިއަށް ގެންދޭތޯ ބަލަނީ.. އިނގޭތޯ ގަބޫލުކުރައްވާ މީހެއްގެ ވަޒީފާއަކީ އާއިލާއަކަށް ހޯދައިދެވޭ ވަރަށް ބޮޑު ހަމަ ކަމެއް އިނގޭތޯ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ވަޒީފާ ދޭތި ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ.. ވަޒީފާއިން ވަކި ކުރަންޏާ ކަންބޮޑުވުން އަންނަންޖެހޭނެ.. އެއީ ދިވެހި ރައްޔިތުންނަށް
މީގެއިތުރުން މުސްތަފާ ވިދާޅުވީ މަގުބޫލު އުޒުރެއް ނެތި، މުވައްޒަފުންނަށް އެއްވެސް ނޯޓިސްއެއް ދިނުމަކާއި ނުލައި ވަކި ކުރަމުން ދިޔައީ އެމްޑީޕީކަމަށެވެ. އަދި މި ސަރުކާރުން ވަކި ސިޔާސީ ފިކުރެއް ހުރުމުގެ ސަބަބުން އެ މީހަކަށް ވަޒީފާއެއް ދިނުމަށް ދެކޮޅު ހަދާފައި ވެސް ނުވާނެކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.
މުސްތަފާ ވިދާޅުވީ ސިޔާސީ މަގާމުތަކާއި، ސިޔާސީ ބޭނުމުގައި އުފަައްދާ ވަޒީފާގެ ވާހަކަތައް ދެއްކުމުގެ އެއްވެސް ހައްގެއް އެމްޑީޕީއަށް ނޯންނާނެކަމަށެވެ. އެގޮތުން ޕާޓީގެ އެތެރޭގެ މައްސަލަތަކުގެ ތެރެއިންނާއި، ޕާޓީގެ އެތެރޭގެ އިންތިހާބުގެ އިތުރަށް ރިޔާސީ އިންތިހާބާއި ދިމާކޮށް ވެސް އެއްވެސް މަސައްކަތެއް ނެތި ނުވަތަ އިށީންނާނެ ގޮނޑިއެއް ވެސް ނެތި ވަޒީފާތަކަށް މީހުން ނަގާފައިވާކަމަށް މުސްތަފާ ވިދާޅުވި އެވެ.

