ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕައިލެޓް ތަމްރީނަށް ސްޓޫޑެންޓް ލޯނު ދޫކުރުމާއި ގުޅޭގޮތުން މިނިސްޓަރުގެ ޖަވާބެއް ނެތް!

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ސްޓޫޑެންޓް ލޯނުގައި، ޕައިލެޓް ކޯސްތަކަށް ހުޅުވާނުލާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވީ، ހަޔަރ އެޑިއުކޭޝަނުން އެގޮތަށް ނިންމާފައި ވަނިކޮށްތޯ މަޖިލީހުގައި ކުރި ސުވާލަށް ޖަވާބު ދެއްވުމަށް ޑރ. އަލީ ހައިދަރު އަހުމަދު އުޒުރުވެރިވެވަޑައިގެންފި އެވެ.

ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވަނީ ސްޓޫޑަންޓް ލޯނުތަކަށް ހުޅުވާލާއިރު، އޭގެ ތެރޭގައި ޕައިލެޓް ކޯސްތަކަށް ހުޅުވާލުމަށް ގަސްދު ނުކުރާކަމަށް ވިދާޅުވެފަ އެވެ.

ކުރީ ސަރުކާރުން ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ވެސް ކުރިމަތިލި ދާއިރާތަކުން ވަނީ ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި އެންމެ ގިނަ ލޯނު ދޫކުރި އެއް ދާއިރާއަކީ ޕައިލެޓުކަމެވެ. އަދި އޭގެ ކުރީ އަހަރު ވެސް ޕައިލެޓް ކޯސްތަކަށް ގިނަ ސްލޮޓުތަކަށް ހުޅުވާލުމުން، ވަޒީފާގެ ފުރުސަތުތައް މަދުވާނެކަން ފާހަގަކޮށް ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި އެވެ. އޭރުވެސް އެކަމާއި ދެކޮޅަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ އަމީނެވެ.

މި މައްސަލައިގައި އެންމެ ފަހުން އަމީން ވިދާޅުވީ ސަރުކާރުން ދަނީ ކެޑޭޓު ޕައިލެޓުންގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަމީން ވިދާޅުވި ގޮތުގައި އޭވިއޭޝަން ދާއިރާގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެވްރެޖުކޮށް އަހަރަކު 20-25 ޕައިލެޓުންނަށް ވަޒީފާއަށް ހުޅުވާލީ މޯލްޑިއަންއާއި ޓީއެމްއޭ ފަދަ މަދު އެއާލައިންތަކަށް ކަމަށެވެ.

މިދިޔަ ފަސް އަހަރު 500 އަށް ވުރެ ގިނަ ދަރިވަރުންނަށް ޕައިލެޓް ޓްރެއިނިންއަށް ސްކޮލާޝިޕް ދިންއިރު އަމިއްލަ ހަރަދުގައި ވެސް ގިނަ އަދަދެއްގެ ދަރިވަރުން ބޭރު ގައުމުތަކުގައި ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ. އަމީން ވިދާޅުވި ގޮތުގައި މިއީ ގައުމަށް ބޭނުންވާ ވަރަށްވުރެ އިތުރު އަދަދެއް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ ހައިދަރުއާއި ސުވާލު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ. ޕައިލެޓް ކޯސްތަކަށް ހުޅުވާނުލާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއިރު މިއީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ މެންޑޭޓެއް ނޫންތޯ ޣަފޫރު ވަނީ ސުވާލު ކުރައްވާފަ އެވެ. ޣަފޫރު އެދިވަޑައިގަތީ މިއީ ހައިދަރުގެ ވެސް ސްޓޭންޑުތޯ ސާފުކޮށްދެއްވައި އެގޮތަށް ނިންމެވީތޯ އެވެ.

ޖަވާބުގައި ހައިދަރު ވިދާޅުވީ މިއަދު މަޖިލީހަށް ވަޑައިގަތީ އެ ދާއިރާގެ ތެރެއިން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ނޫންކަމަށެވެ. އެހެންކަމުން އެ ސުވާލަށް ޖަވާބު ދެއްވުމަށް އުޒުރުވެރިވާކަމަށް ހައިދަރު ވިދާޅުވި އެވެ.

އެންމެ ފަހުން އަމީން ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެކަނި ވެސް ޕައިލެޓުކަން ކިޔަވަން 500 ދަރިވަރުންނަށް ފުރުސަތި ދިންކަމަށެވެ. އަދި އެ ފުރުސަތު ދިން އިރު ވެސް 300 އެއްހާ ދަރިވަރުން ތަމްރީނުތައް ހަދަމުން ދިޔަކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި ކެޑޭޓު ޕައިލެޓުން ނަގަނީ ހަމައެކަނި މޯލްޑިވިއަންއާއި ޓީއެމްއޭ ކަމަށެވެ. އެހެން ނަމަވެސް އެ ދެ ކުންފުނި އެއްކޮށްލައިގެން ވެސް އުފެދޭ ވަޒީފާގެ އަދަދަކީ 25 ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ހައްލު ކުރެވެން އޮތީ އަމީން ވިދާޅުވި ގޮތުގައި ދެ އެއާލައިންގެ ވެސް ހިދުމަތްތައް ފުޅާކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: