ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން 10 މީހަކު، އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ޓެގް އަޅުވައި މުޖުތަމަޢުގެ ތެރެއަށް ދޫކޮށްފައިވާ ކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވާނުވާ ބަންދުގައި ތިބި މީހުންނަށް ކޯޓުތައް މެދުވެރިކޮށް ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއިދިނުމުގެ ކަންކަން ފެށިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ޢިއުލާންކުރައްވާފައެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު އެ އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ވާނުވާ ބަންދު ދާއިމަށް ހައްލުކުރުމަކީ ރައީސްގެ ވަޢުދުފުޅެއް ކަމަށާއި ވާނުވާ ބަންދަކީ، ތަޙުޤީގު ކުރިއަށްދާއިރު، އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށާއި އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިތުރުން ތަޙުޤީހަށް ފިލާފާނެތީ ބަހައްޓާ ބެހެއްޓުމެއްކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މުޖުތަމަޢަށް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ އެއްވެސް މީހަކު ވާނުވާ ބަންދުގެ ތެރެއިން ދުލެއް ނުކުރާނެ ކަމަށާއި ނަމަވެސް ޓެގުގެ ޒަރިއްޔާއިން ދޫކުރާނީ މުޖުތަމަޢަށް ނުރައްކަލެއް ނެތްކަން ޔަޤީން ކުރުމަށް ފަހުގައި ކަމަށެވެ.
ވާނުވާ ބަންދަށް ލުއިދެނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށެވެ. އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވެއެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.

