ކުރީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގަތުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގަންނަވާކަން އެނގިއްޖެ އެވެ.
ދެ އަހަރަށް ފަހު ރައީސް ނަޝީދު އެމްޑީޕީއަށް ވަޑައިގަތުމަށް ނިންމަވާފައި ވަނީ، ޕާޓީ ދޫކޮށް ދިޔަ އެމަނިކުފާނުގެ އަރިސް މެމްބަރުންނާއި އެކު އެވެ.
ދެ ރައީސްގެ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި އެކު، އެކި ފާޑުކިއުންތަކާއި ތުހުމަތުތައް އެއްބޭފުޅަކު އަނެއް ބޭފުޅަށް އަމާޒު ކުރި އެވެ. އަދި ރައީސް ނަޝީދު ވަނީ، ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހު ނަމަ ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ގޮތުގައި، ރައީސް ސޯލިހަށް ރައްޔިތުން އިތުރު ދައުރެއް ދޭން ޖެހޭކަމަށް ގަބޫލެއް ނުކުރައްވަ އެވެ.
ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެން، އެ ޕާޓީގެ ޓިކެޓުގައި ކުރީގެ މެމްބަރު އިލްޔާސް ލަބީބް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ނަޝީދު ތާއީދު ކުރެއްވި އެވެ. އަދި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ގަބޫލު ކުރާ ގޮތުގައި، ރައީސް ނަޝީދެވެ.
ބޮޑެތި މައްސަލަތަކަށް ފަހު، ރައީސް ނަޝީދުގެ އަރިސް މެމްބަރުން ވެސް ރައީސް ސޯލިހަށް އެކި ތުހުމަތު ކުރެއްވި އެވެ.
ރައީސް ނަޝީދު މިރޭ އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ޖަލްސާގައި ޕާޓީގެ ލީޑާޝިޕް ބައިވެރިވާނެ އެވެ. ސަލްޓަން ޕާކުގައި ބާއްވާ މި ޖަލްސާގައި ރައީސް ސޯލިހަށް ތާއީދު ކުރާ މެމްބަރުން ބައިވެރި ނުވާނެކަމަށް އަޑުފެތުރުނު ނަމަވެސް އެކަން ސާފެއް ނޫނެވެ.
މިރޭގެ ޖަލްސާގައި ރައީސް ސޯލިހަށް ބައިވެރިވަޑައިނުގެންނެވެނީ، އެމަނިކުފާނު މެލޭޝިއާގައި ހުންނެވުންނެވެ.
ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ނަމަވެސް ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފަ އެވެ.

