ހުޅުމާލޭގައި ހިންގަމުންދާ ކެފޭތަކެއް ބަލައި ފާސްކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 04 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
ޓާސްކްފޯސްއިން ހިންގި މި އޮޕަރޭޝަންގައި ޖުމްލަ 5 ކެފޭ އަދި ޓޭކްއަވޭ ވަނީ ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަންތަކަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންތަކެކެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މިދިޔަ މެއިމަހުގެ 29ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 102 ބިދޭސީން ވަނީ ޗެކްކޮށްފައެވެ. އޭގެތެރެއިން ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ތަނަކުން 18 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާއްމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.
ސަރުކާރުން މިހާރު ވަނީ ”އޮޕަރޭޝަން ކުރަނގި“ ގެ ނަމުގައި ޚާއްސަ އޮޕަރޭޝަންތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތައް 3 އަހަރުގެ ތެރޭގައި ޙައްލުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

