ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުނު މައްސަލައިގައި ކޮމިޝަނުގެ ރިޕޯޓުގައިވާ ކަންކަން ތަންފީޒުކުރަން ރައީސް އަންގަވައިފި!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 އޭޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙްޤީޤްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ރައީސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށް އެންގެވި އެންގެވުމުގައި މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން އެކި ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި:

  • ޙައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މަޢުލޫމާތު ލިބުމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މަޢުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުންކަމަށްވާތީ އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަޙުޤީޤަށް ބޭނުންވާނެ ހެކި، ޤަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން.
  • ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަޙުޤީޤުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަޙުޤީޤަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާކަން.
  • ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާކަމަށާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން.
  • މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޔުމްނު އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވާކަމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭކަން.

ރިޔާސީ ކޮމިޝަނުން މި ރިޕޯޓްގައި ދިވެހި ފުލުހުންގެ ޚިދުމަތާގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މިކަންކަން ކުރިޔަށްއޮތްތަނުގައި ތަކުރާރުވިޔަނުދިނުމަށް ޓަކައި، ފުލުހުންގެ އެސް.އޯ.ޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިޞްލާޙީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ގ. އެރިއަދޫ، ދާއޫދު އަޙްމަދު ތިރިޔަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ދާއޫދު އަޙްމަދު މައްސަލައިގެ ތަޙުޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރިކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭކަމަށް ބަޔާންކޮށްފައިވާތީ ޙައްވާ ޔުމްނު ރަޝީދު ހ.މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަންޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ކަމުގައި ނުވާ ކަމަށާއި މި ހާދިސާގައި ރައުދު އަޙްމަދު ޛިލާލްގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަޙްމަދާއި، 2025 އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއިން ރައުދު އަޙްމަދު ޛިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭތީ، އެކަން އިތުރަށް ތަޙުޤީޤުކުރުމަށް ރިޔާސީ ކޮމިޝަނަށް ފެންނަ ކަމަށް ބަޔާންކޮށްފައިވާތީ ރިޔާސީ ކޮމިޝަނުގެ އެ ނިންމެވުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ރައީސް ޞިއްޙީ ވުޒާރާއަށް އެންގެވި އެންގެވުމުގައި އެ ވުޒާރާގެ ދަށުން ހިންގަމުންއަންނަ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފް.ޕީ.ޔޫ.) އިން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމަކީ:

  • ޙައްވާ ޔުމްނު ރަޝީދަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައި.ޖީ.އެމް.އެޗްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ.) އިން، އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ.އަށް އެންގުމަށްފަހު، އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވާތީ، މިއީ އެފް.ޕީ.ޔޫ.ގެ އެސް.އޯ.ޕީގައި އެތަނުގެ މުވައްޒަފު ޢަމަލުކުރަންޖެހޭ ގޮތްކަމުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފު ޢަމަލެއްކަން އެނގޭކަމާއި، އަދި އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑް ނުވިކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ ޢާއިލާއިން އެދިއްޖެ ނަމަ، އެފް.ޕީ.ޔޫ.ގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަކަމަށް.
  • އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައި.ޖީ.އެމް.އެޗް.އަށް ގެންދެވުމުން، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއްކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަނެ، އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯނަގައި އަދި ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ބަލައި ”ވަޖައިނަލް ސްވޮބް“، ”އޭނަލް ސްވޮބް“ ،“ބަކަލް ސްވޮބް“ އަދި އެހެނިހެން ކަންކަމަށްވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ޤަރީނާ ނުގެއްލޭގޮތަށް އެ މަޢުލޫމާތު އެއްކުރެވި ރައްކައުކުރެވެންވާނެކަމާއި، މިކަން ކުރުމުގައި އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ. އިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމުކަމަށް ކޮމިޝަނުން ދެކޭކަމަށް.

މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކުރެއްވި މި ކަންކަމާއި ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައި.ޖީ.އެމް.އެޗް.އާއި އެ ހޮސްޕިޓަލުގައި ހުންނަ އެފް.ޕީ.ޔޫ.ގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ޞިއްޙީ ވުޒާރާއަށް ރައީސް ވަނީ އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: