ސަރުކާރުގެ ފަރާތުން ފެންނަމުންދާ ކަންކަމަށް ލޯ މަރާލައިގެން ތިބެވެން ނެތްކަމަށާއި އަޑުތައް ނީވޭކަމަށް ހެދިގެން ތިބެވެން ނެތްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތުން ފާހަގަކޮށް އެމްޑީޕީން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ، މި މުނާސަބާގައި ރައީސް ނަޝީދަށް ހިފެހެއްޓުމެއް ނެތް ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ. އަދި އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ އާންމު މެމްބަރުންނަށްވެސް މަރުހަބާ ދަންނަވާކަމަށާއި ގެއަށް އެނބުރި އައިސްފައިވުމަށް މަރުހަބާ ދަންނަވާކަމަށެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ އަލުން ގުޅިވަޑައިގެންފައިވާ ބޭފުޅުން ތިއްބަވަންވީތަންކަމަށާއި އެޕާޓީއަކީ އަތުގުޅާލައިގެން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ޕްލެޓުފޯމްކަމަށެވެ. އަދި މިރޭ ފެނިގެންދަނީ އެމްޑީޕީގެ ސަފުތައް އަލުން ބަދަހިވެގެންދާ މަންޒަރުކަމަށް ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ، އެންމެ ގަދަފަދަ ބާރަކީ އެކުވެރިކަން ކަމަށާއި އަތުގުޅާލާފައިވަނީ މިހާރު އޮތް ސަރުކާރު ޒިންމާދާރު ކުރުވުމަށްކަމަށެވެ.
މާޒީގެ އަޅުންނަށް ވެގެން އުޅެވެން ނޯންނާނެކަމަށްވެސް ހިއްސާކުރެއްވިއެވެ. އަދި މާޒީއަށް ބަލަން ތިބެއްޖެ ނަމަ އޮންނާނީ އެ މާޒީގެ ފަސްބާޑި ޖަހަން ތިބުންކަމަށާއި އެއީ ބަދަލުކުރެވޭނެ އެއްޗެއްވެސް ނޫންކަމަށެވެ. ޝާހިދު ވިދާޅުވީ، ކުރިއަށް ދެވޭނީ މުސްތަގުބަލާއިމެދު ވިސްނައިގެންކަމަށާއި މިހާރު ގުޅިފައިވާ މެމްބަރުންނާއިއެކު އެމްޑީޕީން ނުކުންނާނީ ކުރިއަށްވުރެ ވަރުގަދަ ހިތްވަރަކާއިއެކުކަމަށެވެ.
މިއަދު ފެންނަމުންދާ މަންޒަރުތަކަށް ލޯ މަރާލައިގެން ތިބެވެން ނެތްކަމަށާއި އަޑުތައް ނީވޭކަމަށްވެސް ހަދައިގެން ތިބެވެން ނެތްކަމަށް ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ، މިއަދު އޮތީ ”ސްކޭމް ސަރުކާރެއް“ ކަމަށެވެ. ޝާހިދު ވިދާޅުވީ، ބަންކަރިންގެ ނަމުގައި ސްކޭމެއް ހިންގާފައިވާކަމަށާއި ޑޮލަރާއި ގުޅުންހުރި ސްކޭމެއްގެ އިތުރުން ރަސްމާލެ ބިއްލޫރި ޓަނަލްގެ ނަމުގައިވެސް ހިންގާފައިވަނީ ސްކޭމެއް ކަމަށެވެ.
އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ، ޗާގޮސްއާއި ގުޅުވައި ދެއްކި ވާހަކަތަކަކީވެސް ސްކޭމެއް ކަމަށެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައިވެސް ހިންގީ ސްކޭމެއް ކަމަށާއި ފްލެޓުތަކުގެ މަސައްކަތްތަކުގެ ތެރޭގައިވެސް އަމަލުތައް ފެނިގެންދިޔައީ ސްކޭމެއްގެ ގޮތުގައިކަމަށެވެ.
ޝާހިދު ވިދާޅުވީ، ޒުވާނުންނަށްވެސް އޮޅުވާލިކަމަށާއި ޕާޓީތަކުގެ މެމްބަރުންތަކެއް ފޭރިގަތުމުގެ އަމަލުވެސް ހިންގިކަމަށެވެ. އަދި މިއީ ޑޮކްޓަރު ބޭސް ދޭނެކަމަށް ބުނެ ނިކުތުމަށްފަހު އެކަންވެސް ކުރަން ނޭނގުނު ސަރުކާރުކަމަށާއި ޖުޑިޝަރީއާއި ގުޅިގެންވެސް އަމަލުތައް ފެނިގެންދިޔައީ ސްކޭމެއްގެ ސިފައިގައިކަމަށެވެ.
ޝާހިދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ސްކޭމެއްކަމަށާއި އާސަންދަ ނުލިބޭއިރު ބޭސްވެސް ނުލިބޭކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތައްވެސް ހުއްޓިފައިވާކަމަށާއި އެމްޑީޕީން ރާއްޖޭގެ ކޮންމެ ރަށެއްގައި ފެށި މަޝްރޫޢުއަކަށް ބެލިޔަސް ފެނިގެންދަނީ ހުއްޓިފައި އޮތް މަންޒަރުކަމަށެވެ.

