ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާނީ 20 އިންސައްތަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތުމުން މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ހިންގަނީ ކަތީބަކު ލައިގެން ނޫން ކަމަށް 2011 ވަނަ އަހަރުވެސް ވިދާޅުވި ކަމަށެވެ. މާލެ ފިޔަވާ އިގްތިސާދެއް ބިނާވެގެން ނުވަތަ އާބާދީއެއް އަށަގަންނަނަށް އެހެން އެއްވެސް ރަށެއް ފެންނަން ނެތް ކަމަކީ ވަރަށް ބޮޑު ކަންބޮޑު ވުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ދިވެހި ދައުލަތަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ވެސް އެއީ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މާދަމާ އިތުރަށް ފުލެޓު އަޅައިފިނަމަ އަނެއްކާވެސް އިތުރަށް މާލެއަށް ދާނީ ތޮއްޖެހެމުން ކަމަށެވެ. ރާއްޖޭގެ ރަށްތައް ބިނާނުކޮށް ރާއްޖޭގެ ތަރައްގީއެއް ނުހޯދޭނެ ކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މިއީ ޖަޒީރާ ގައުމެއް ކަމަށާއި މިއީ އެއްބައްރައް އޮތް ތަނެއް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ ހިއްކާ ބުރިޖު އަޅައިގެން ގުޅުވިޔަސް މިއީ ޖަޒީރެއް ގައުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”މި ރަށްތަކުގެ ތަރައްގީގެ ތަސައްވުރު އެއީ އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އޮތް ކަމެއް. އިނގިވަޑައިގަންނަވާނެ އެއީ ސީދާ އެމްޑީޕީގެ ފަލްސަފާއެއް. ލޯކަލް ކައުންސިލްގެ އިންތިހާބު އަޅުގަނޑުމެން މިފަހަރު އިރާދަކުރެއްވިއްޔާ ހޯދާނީ ބޮޑުކޮށް. ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި. މަނިކުފާނަށް 20 ޕަސެންޓު“
ނަޝީދު ވިދާޅުވީ ކައުންސިލްގެ އިންތިހާބުގައި 196 ރަށުގެ ރަށު ކައުންސިލްތައް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ. ދިވެހިރާއްޖޭ އަލުން އަނބުރާ ދިވެހީންނަށް އެމްޑީޕީން ހޯދައިދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

