ދައުރު ނިމިގެން ދެން ވެރިކަމާއި ހަވާލުވާ ބަޔަކަށްވެސް އިޔާދަނުކުރެވޭނެ މިންވަރަށް އިގްތިސާދީ ހާލަތު ގޯސްވެގެން ގޮސްފައިވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތުން ފާހަގަކޮށް އެމްޑީޕީން ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މިއީ އުފާވެރި އުންމީދީ ވަގުތެއްކަމަށެވެ. އަދި އެމްޑީޕީއާއި ދުރުގައި ރައީސް ނަޝީދާއި އެހެނިހެން ބައެއް ވަރުގަދަ ފަހުލަވާނުން ދުވަސްތަކެއް ތިއްބެވުމަށްފަހު އަނެއްކާވެސް ޕާޓީއާއި ގައުމު ހަމަ މަގަކަށް އެޅުވުމަށްޓަކައި އަތުގުޅާލުމަކީ ގައުމަށް ލިބިގެންދާ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.
ފައްޔާޒް ވިދާޅުވީ، މާޒީއަށް ބަލައިގެން ތިބެވެން ނެތްކަމަށެވެ. އަދި އެގޮތުގެ މަތީ ތިއްބާ ގައުމު ގެއްލިގެންދާ މަންޒަރު ފެންނަމުންދާކަމަށް ފާހަގަކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރެވިފައިވަނީ ރާއްޖޭގައި ރައްޔިތުންގެ ބާރުވެރިކަން ގާއިމުކުރުމުގެ ގޮތުންކަމަށާއި ރައީސް ނަޝީދުގެ އިތުރުން ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާފައިވާ އީވާ އަބްދުﷲ އަކީ އެ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިއްބެވި ބޭފުޅުންކަމަށެވެ.
އޭނާ ވިދާޅުވީ، ފަހަތަށް ބަލަހައްޓައިގެން ތިއްބާ ގިނަ އަހަރުތަކެއްގެ މަތިން އެތައް މަސައްކަތްތަކެއް ކޮށްގެން ހޯދި ހައްގުތައް ނިގުޅައިގަންނަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ. އަދި އެމްޑީޕީން ރައްޔިތުންނަށް ހޯދައިދިން ސައްހަ ވޯޓުތަކެއް ގުނިގެންދިއުމުގެ ހައްގު މެދުވެރިކޮށް އެމްޑީޕީގެ ބައެއް މެމްބަރުންނާއިމެދު ރައްޔިތުންގެ ތެރޭގައި އޮތް ހިތްހަމަނުޖެހުމުގެ ފައިދާ ނަގައިގެން އެ ހައްގަށް އިހުތިރާމް ނުކުރާ ބަޔަކު ވެރިކަމަށް އައިސްފައިވާ މަންޒަރު ފެންނަމުންދާކަމަށް ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، ވޯޓު ފޮށި މެދުވެރިކޮށް ވެރިކަމާއި ހަވާލުވަމުންދާ ބައެއް ފަރާތްތަކަކީ ވޯޓު ލުމާއި ރައްޔިތުންގެ ބާރުވެރިކަން އަދި އެހެން އެފަދަ ހައްގުތައްވެސް ގަބޫލުނުކުރާ ބައެއްކަމަށެވެ. އަދި އެއީ ދުވަހަކުވެސް އެ ހައްގުތައް ބަލައިނުގަންނާނެ ބައެއްކަމަށްވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އިތުރު ހައްގުތަކެއް ގެއްލިގެން ނުދާކަން ކަށަވަރުކުރުމުގެ އިތުރުން ގެއްލިފައިވާ ހައްގުތައް އަލުން އިޔާދަކުރުމަށްވެސް މަސައްކަތްކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެފައިވާކަމަށާއި ވެރިކަމާއި ދެން ހަވާލުވާ ބަޔަކަށްވެސް އިޔާދަ ނުކުރެވޭނެ މިންވަރަށް ހަލާކުވެފައިވާކަމަށެވެ. އަދި އެއްވެސް އިރެއްގައި ރާއްޖޭގެ އިގްތިސާދަކީ މެނޭޖުކުރަން ފަސޭހަ އިގްތިސާދެއް ނޫން ނަމަވެސް މިއަދު އޮތް ހާލަތަށް ވެއްޓިފައިވަނީ ނުބައިނުލަވާވުމުުން ނޫންކަމަށާއި އެކަން ދިމާވީ ތަންދޮރު ނޭނގުމުގެ ސަބަބުންކަމަށެވެ.
އޭނާ ވިދާޅުވީ، މިއަދު އޮތް އަނދަވަޅަށް ވެއްޓިފައިވަނީ ދަރަނި ދެއްކޭނެ ގޮތެއް ނޭނގުމުންކަަމަށާއި ދަރަނި ނަގާނެ ގޮތެއްވެސް ސަރުކާރަށް ނޭނގޭކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި އާންމުން މިހާރު އުޅެމުންދާ ފަދަ ދަތިކަމެއްގެ ތެރޭގައި އުޅެމުން އައި ދުވަސްތަކެއް ފެންނަން ނެތްކަމަށް ވިދާޅުވިއެވެ.

