2054 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 64 އިންސައްތަ ދިރިއުޅޭނީ މާލެ ސަރަހައްދުގައިކަން ބޯހިމެނުމުގެ ތެރެއިން އެކުލަވާލެވުނު މައުލޫމާތުތަކަށް ރިއާޔަތްކޮށް ކުރެވިފައިވާ އަންދާޒާތަކުން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭޝިއަން ފޯރަމް އޮފް ޕާލިމެންޓޭރިއަންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމެންޓް(އޭއެފްޕީޕީޑީ) ގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ މަސައްކަތްތެރިންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނޭކަމަށެވެ. މީގެ ތެރޭގައި ސިވިލް އަދި ޕަބްލިކް ވޯކްސްގެ އިތުރުން މެނޭޖުމެންޓުގެ މެދު ފަންތީގެ ރޯލުތައްވެސް ހިމެނޭއިރު މަޖިލީހުގައި މަސައްކަތްކުރާ މުއައްޒަފުންގެ 62 އިންސައްތައިގެ އިތުރުން މެނޭޖުމެންޓު ރޯލުތަކުގައި އުޅޭ މީހުންގެ ތެރޭގައި 55 އިންސައްތައަކީވެސް އަންހެނުންކަމަށްވުމުން ފަހުރުވެރިވެވަޑައިގަންނަވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފުލުހުންގެ ތެރޭގައިވެސް 23 އިންސައްތައަކީ އަންހެނުންކަމަށެވެ. އަދި އޮޑިޓާއި ކަސްޓަމްސްގެ މެޖޯރިޓީއަކީ އަންހެނުން ކަމަށްވާއިރު ލީޑަރޝިޕް މަގާމުތަކުގައި ތިބި އަންހެނުންގެ އަދަދު މަދުވަމުންދާކަމުގެ ކަންބޮޑުވުންވެސް އޮތްކަމަށް މައުލޫމާތު ދެއްވިއެވެ. ނާޒިމް ވިދާޅުވީ، މަޖިލީހަށް 93 މެމްބަރުން އިންތިހާބުކުރިއިރު އޭގެ ތެރޭގައި ތިބީ 3 އަންހެނުންކަމަށެވެ. އެހެންކަމުން އެއީ ހައްލުތަކެއް ގެނައުމަށް މަސައްކަތްތައް ކުރަންޖެހޭ މުހިންމު މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.
ނާޒިމް ވިދާޅުވީ، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކެއްގެ ހައިސިއްޔަތުން ބައްދަލުވުމުގެ ބައިވެރިންގެ ކޮނޑުގައި އަންހެނުން ބާރުވެރިކުރުމަށްޓަކައި މަސައްކަތްތައް ކުރުމުގެ ޒިންމާ އެޅިގެންދާކަމަށެވެ. އަދި ރާއްޖޭގައި 2024 ވަނަ އަހަރުގައި ހިންގުނު ބޯހިމެނުމުގެ މަސައްކަތްތަކުގެ ތެރެއިން ހައްލުތަކެއް ގެނައުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭ ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާކަމަށާއި 2054 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީ މިލިއަނަކަށް އަރައިގެންދާނެކަމަށް އެ މަސައްކަތްތަކުން އެއްކުރި މައުލޫމާތުތަކުގެ އަލީގައި އަންދާޒާ ކުރެވޭކަމަށެވެ. މީގެ ތެރޭގައި ގިނައީ ދިވެހިންކަމަށްވާއިރު ކޮންމެވެސް ވަރަކަށް ބިދޭސީންވެސް ހިމެނޭނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވެފައިވާ މީހުން ނިސްބަތުން ގިނަވަމުންދާއިރު އާބާދީ އިތުރުވަމުންދާ ދުވެލި މަޑުކަމަށެވެ. އަދި ކޮންމެ އާއިލާތަކުގައި ދަރިން ހޯދާ އަދަދު މަދުކަމަށާއި ރާއްޖޭގެ ރައްޔިތުންގެ އުމުރު ދިގުވެގެން ގޮސް 83 އަހަރުގެ އެވަރެޖެއް ގާއިމުވެގެންދާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން 2050 ވަނަ އަހަރުގެ ނިޔަލަށް ކުޑަކުދިންނަށްވުރެ އުމުރުން ދުވަސްވެފައިވާ މީހުން އާބާދީގައި ގިނަވާނެކަމަށާއި އާބާދީ ބެހިފައިވާ ގޮތަށްވެސް ބޮޑެތި ބަދަލުތައް އަންނާނެކަމަށް ލަފާކުރެވޭކަމަށެވެ.
ނާޒިމް ވިދާޅުވީ 2015 ވަނަ އަހަރުގައި މާލެ ސަރަހައްދުގައި ދިރިއުޅެމުން އައީ އާބާދީގެ 38 އިންސައްތަކަމަށެވެ. ނަމަވެސް 2054 ވަނަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުގައި 64 އިންސައްތަ ދިރިއުޅޭނެކަމަށް ބެލެވޭކަމަށާއި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކި ސަބަބުތަކަށް ހިޖުރަކުރަމުންދިއުމުގެ އިތުރުން އިންފާޓިލިޓީ މައްސަލަވެސް ހިމެނޭކަމަށް މައުލޫމާތު ދެއްވިއެވެ.

