ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއެއްގައި ފެކްޝަންތައް އޮންނަންޖެހޭ، އެ ނޫނީ ހުދުމުހުތާރުކަން އުފެދިގެންދާނެ: ފައްޔާޒް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީއެއްގެ ތެރޭގައި ލީޑަރުންގެ ވިސްނުމާއި ހިލާފަށްވެސް ވަރުގަދަ ބައިތަކެއް އޮންނަންޖެހޭކަމަށާއި އެ ނޫން ގޮތެއްގައި ކުރިއަށްދާނަމަ އެ ޕާޓީއެއްގެ ތެރޭގައި ހުދުމުހުތާރުކަން އުފެދިގެންދާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީ ކުރިއެރުވުމަށްޓަކައި ހިތްހަމަޖެހޭ ވަރަށް މަސައްކަތްކުރެވިފައިވާކަމަށާއި އެކަންކަން މެދުވެރިކޮށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ. ފައްޔާޒް ވިދާޅުވީ، ޕާޓީގެ ކާމިޔާބާއި ނާކާމިޔާބުތައް އެކި ބޭފުޅުން މިނެކިރާނީ އެކި ގޮތްގޮތަށްކަމަށެވެ.

އިންތިހާބުތަކުގެ ތެރޭގައި ލިބިފައިވާ ނަތީޖާތަކުގެ ކާމިޔާބާއި ނާކާމިޔާބުތަކާއި ގުޅޭގޮތުން އެންމެންވެސް އެއްބަސްވާކަމަށް ހިއްސާކުރެއްވިއެވެ. އަދި ވެތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިންގިފައިވާ މަގުތަމީ ހަރަކާތްތަކަށްވެސް ބަލާކަމަށް އިޝާރާތްކުރެއްވިއެވެ.

ޗެއަރޕާސަން ވިދާޅުވީ، މަގުމަތިން ނުފެންނަކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވާކަމަށެވެ. ފައްޔާޒް ވިދާޅުވީ، ހަގީގަތުގައި މަގުމަތިން ފެންނަ ފެނުމަކީ ދަޅައެއްކަމަށާއި މަގުމަތިން ފެނިގެންދަނީ ރައްޔިތުންގެ ތެރޭގައި ކަމެއް އެހިސާބަކަށް ދިއުމުންކަމަށެވެ. އަދި ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފެނިގެންދިޔަ ކަންކަމަށް ބަލާލުމުން އެމްޑީޕީގެ ތެރޭގައި ޑިމޮކްރެސީގެ މަސައްކަތްތައް ހަރުދަނާ ކުރަންޖެހިފައިވާކަމަށް ގަބޫލުކުރެއްވޭކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި އޮންނަންޖެހޭ ތަނެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި ހާއްސަ ގޮތެއްގައި 2023 ވަނަ އަހަރުގެ އިންތިހާބުގެ ތެރޭގައި ޕާޓީގެ ތެރެއިން ވަރުގަދަ ބޭފުޅުންތަކެއް ވަކިވެގެންދިއުމާއިއެކު އައި ލޮޅުމުންވެސް މި ވިސްނުން ދޭހަކޮށްދޭކަމަށެވެ.

އޭނާ ވިދާޅުވީ، ޕާޓީއަކީ ވަކި ބައެއްގެ މައްޗަށް ބިނާވެ އޮންނަ އެއްޗެއްކަމަށް ވެގެން ނުވާނެކަމަށެވެ. އަދި ޕާޓީއަށް ތާއީދުކުރަންޖެހޭނީ އޭނާ ނުވަތަ ރައީސް ނަޝީދު ނޫނީ ރައީސް ސާލިހު ހުންނެވުމުން ނޫންކަމަށާއި ހަގީގަތަށް ބަލާއިރު މީގެ ކުރިން ޕާޓީގެ ބޮޑު ބައެއް އެކުލެވިފައި އޮތީ ރައީސް ނަޝީދުއަށް ކުރި ތާއީދުގެ މައްޗަށްކަން ފެނިގެންދާކަމަށެވެ.

ޗެއަރޕާސަން ވިދާޅުވީ، އެއީ ވެގެންދާނެ ގޮތްކަމަށާއި ރައީސް ނަޝީދަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި އޮތް ހާލަތުގެ ތެރެއިން ކެރިވަޑައިގެން ލީޑަރޝިޕު ނަންގަވައި ނުކުންނެވި މަދު ބޭފުޅުންގެ ތެރެއިން އެކަކުކަމަށެވެ. އެހެންކަމުން އާންމު މެމްބަރުންގެ ހިތުގައި އެމަނިކުފާނަށް ހާއްސަ ގަދަރަކާއި ލޯތްބެއް އުފެދިފައި އޮތްކަމަށެވެ.

ފައްޔާޒް ވިދާޅުވީ، އޭނާ ވިސްނަވަނީ ބުއްދީގެ ހަމަތަކުގެ މަތިންކަމަށާއި ހިތަކުން ނޫންކަމަށެވެ. އަދި މިއަދު ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތަށް ފެކްޝަންތަކެއް އޮތްކަމަށް ފެނިގެންދަނީ ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުންކަމަށާއި އެއީ ފެކްޝަނަށާއި ލީޑަރުންނަށް ޗެލެންޖު ކުރުން ފަދަ ކަންކަމަށް ޖާގަ ލިބިގެންދަނީ މުއައްސަސާއެއްގެ ގޮތުގައި އެ ޕާޓީ އުފެދިގެންދާތީކަމަށް ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، މީގެ 6 ވަރަކަށް އަހަރުކުރިން ފެކްޝަންތަކެއް ފެންނަން ނެތީ އެފަދަ ކަމަކަށް ޖާގައެއް ނެތުމުންކަމަށެވެ. ނަމަވެސް މިހާރު އެގޮތުގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖާގަ އޮންނާނެކަމަށައި ދުވަހަކުވެސް ފެކްޝަންތަކެއް ނޯންނާނެ ގޮތަށް ބަދަލުވެގެންދާން އުންމީދު ނުކުރައްވާކަމަށެވެ. އަދި އެ ނޫން ގޮތެއްގެ މަތިން އެތެރޭގައި ޑިމޮކްރެސީ ނުހިފެހެއްޓޭނެކަމަށާއި ތިބޭ ލީޑަރުންގެ ވިސްނުމާއި ހިލާފަށްވެސް ވަރުގަދަ ބައިތަކެއް ޕާޓީގެ ތެރޭގައި އޮންނަންޖެހޭކަމަށް ހިއްސާކުރެއްވިއިރު އެ ނޫން ގޮތެއްގެ މަތިން ކުރިއަށްދާނަމަ ޕާޓީގެ ތެރޭގައިވެސް ހުދުމުހުތާރުކަން އުފެދިގެންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: