ވޭތުވެދިޔެ ދެ އަހަރުގެ ތެރޭގައި މިހާތަނަށް ފާސްކޮށްފައިނުވާ ވަރުގެ ބަޖެޓުތަކެއް ހަވާލުކުރިއިރު މިހާތަނަށް ސަރުކާރަށް އެމްޓީސީސީގެ އެކްސްކަވޭޓަރަކަށް ތަޅުދަނޑި ޖަހައި ސްޓާޓުކޮށް އޭގެ ދަތްގަނޑުވެސް ހިއްލާލެވިފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ އިތުރު ގަޑިއާއި އެހެނިހެން ގޮތް ގޮތުން ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމަށް ތާއީދުކުރައްވާކަމަށެވެ. ޣަފޫރު ވިދާޅުވީ، މިހާތަނަށް ބަލާއިރު ތައުލީމާއި ސިއްހީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުންކަން ތަފާސްހިސާބުތަކުން އެނގޭ ކަމަށެވެ.
މެމްބަރު ވިދާޅުވީ، މިއީ އޭނާ އެކަނި ދައްކާ ވާހަކައެއް ނޫންކަމަށާއި މި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް އެކަން ރަނގަޅަށް ދަންނާނެކަމަށެވެ. ޣަފޫރު ވިދާޅުވީ، 12،000 ރުފިޔާ ލިބުނު ޓީޗަރުގެ މުސާރަ 21،000 ރުފިޔާއަށް ބޮޑު ކުރީ އެމްޑީޕީން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ތެރެއިން ނަރުހުންގެ މުސާރަ 18،000 ރުފިޔާއަށް ބޮޑު ކުރީ އެމްޑީޕީގެ ސަރުކާރުންކަމަށް ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ ޕޭ ފްރޭމް ވޯކެއްގެ މަސައްކަތް ފަށައި، މުސާރަތައް ހާމަނައިޒް ކުރުމުގެ ހުރިހާ މަސައްކަތެއްކޮށް އެކަން ކާމިޔާބު ކުރެވުނީ މިދިޔަ ފަސް އަހަރުގައި ކަމަށެވެ. އަދި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ކުޅުދުދުއްފުށީގައި އެމްއާރުއައި މެޝިނެއް ބަހައްޓައި އެ ހިދުމަތް ފެށިގެން ދިޔަކަން ފާހަގަކުރެއްވި އެވެ. ޣަފޫރު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެމްއާރުއައި މެޝިންތައް ބެހެއްޓުމާއި އެކު ކުރިން ނުކުރެވޭ ބައެއް އޮޕަރޭޝަންތައް ކުރެވޭނެ ގޮތް ވެސް ހަމަޖެހިގެން ދިޔަކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އެ ހިދުމަތްތައް ކުރިޔަށް ގެންދިއުމަށް އެއްވެސް މަސައްކަތެއް ކުރޭތޯ ޣަފޫރު ސުވާލު އުފެއްދެވި އެވެ.
ޣަފޫރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދީ ވެރިކަމަށް ރައްޔިތުން ގެނައި އެއްވެސް ހާލެއްގައި މަޝްރޫއުތައް މަޑުޖައްސާލައިގެން ތިބެން ނޫންކަމަށެވެ. އަދި ސަރުކާރު ގެނައީ ރައްޔިތުންނަށް އެތައް ވައުދުތަކެއްވެފައިވާތީ، އެ އުންމީދުގައިކަން ފާހަގަކޮށް ޣަފޫރު ވިދާޅުވީ ފާގަތި ދުވަސްތަކެއްގެ ބަދަލުގައި މިހާރު ފެންނަނީ ވާދަވެރިކޮށް ވައްކަމާއި ކޮރަޕްޝަން ހިންގާ މަންޒަރު ކަމަށެވެ. ޣަފޫރު ވިދާޅުވީ އިދިކޮޅު ސަރުކާރެއް އޮތަސް ރައްޔިތުންނަށް މަންފާވާ މަސައްކަތެއް ކުރިޔަށް ގެންދާނަމަ، އެމްޑީޕީ އެކަމަށް އެއްބާރުލުން ދޭނެކަމަށެވެ.
މެމްބަރު ވިދާޅުވީ، މިދިޔަ ދެ އަހަރު އެއްކޮށްލުމުން ގައުމުގެ އިގްތިސާދު 11 އިންސައްތައިން ކުރިއަރައިގެން ގޮސްފައިވާކަމަށެވެ. ނަމަވެސް ރައްޔިތުންގެ ޖީބުތައް އިތުރަށް ތާށިވެ ލިބޭ އާމްދަނީ ވެސް މަދުވެފައިވާކަމަށެވެ.
ޣަފޫރު ވަނީ އެ ހާލަތުގައި ގައުމެއްގެ ގޮތުގައި ކިޔޭތޯ ސުވާލު ކުރައްވާފައެވެ. އަދި މި ދައުރުުގައި ލިބިފައިވާ ކުރިއެރުންތަކަކީ ކޮބައިތޯވެސް ސުވާލު ކުރެއްވިއެވެ. އަދި ދުނިޔެ ފަހިކޮށް ހިނގަމުންދާއިރު ރާއްޖެއަށް ދަތިތަކެއް ކުރިމަތިވެފައިވަނީ ކޮން ސަބަބަކާއި ގުޅިގެންތޯވެސް ސުވާލުކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ޕީއެންސީގެ މެމްބަރުން ކެއުމަށްފަހު ރައްޔިތުންނަށް އެއްޗެއް ލިބޭ ވަރެއް ނުވާކަމަށާއި ހުރިހާ ދަތިކަމެއްގެ ޒިންމާ ކުރީ ސަރުކާރުގެ މަތި ކުރަމުންދާކަމަށެވެ. ޣަފޫރު ވިދާޅުވީ، އެ ހާލަތުން އަރައިގަންނަން ވެފައިވާކަމަށާއި އެމްޑީޕީގެ ވެރިކަން ބަދަލުކުރީ ގޯސްތަކެއް ހުރުމުންކަމަށެވެ. އެހެންކަމުން ދެ އައި ސަރުކާރުން އެކަންކަން ހައްލުކޮށްފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ޣަފޫރު ސުވާލު ކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ނިމިދިޔަ ދެ އަހަރާއި އެއްވަރަށް މީގެ ކުރިން ބަޖެޓެއް ފާސްކޮށްދީފައިނުވާއިރު ހަމައެކަނި އެމްޓީސީސީން ގެންގުޅޭ އެކްސްކަވޭޓަރަކަށް ތަޅުދަނޑިއެއް ޖަހާލުމަށްފަހު ދަތްގަނޑުވެސް ހިއްލާލެވިފައިނުވާކަމަށޭވެ.

