އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޓީމުތަކުން އަތޮޅުތަކަށް ދަތުރުތައް ފަށައިފި އެވެ.
އަންނަ އަހަރުގެ ކުރީކޮޅު އިންތިހާބު އޮތް އިރު، ރައްޔިތުންގެ މަޖިލީހަށް ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމާއި ބެހޭ ގަރާރެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
ކައުންސިލް އިންތިހާބާއި ދިމާކޮށް އަތޮޅުތަކަށް ކުރާ މި ދަތުރުގައި ރަށުގެ ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކާއި ބައްދަލު ކުރާނެ އެވެ. އަދި އާންމު މެމްބަރުންނާއި ބައްދަލު ކުރުމާއި އެކު، ރަށަށް ބޭނުންވެފައި ހުރި އެކި ކަންކަން އޮޅުން ފިލުވައި ޑޯޓުޑޯ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިއާއި އެކު ބައެއް ރަށްތަކުގައި ޖަލްސާތައް ވެސް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.
މި ހަރަކާތްތަކާއި ގުޅޭގޮތުން ޕީއެންސީ ބުނީ، ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ޕާޓީގެ ހަރަކާތްތައް ވެސް އިންތިޒާމު ކުރުމާއި އެކު މެމްބަރުންގެ ހަރަކާތްތައް ވަރުގަދަ ކުރުންކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް އިންތިޒާމު ކުރެވިގެން ކެމްޕެއިންގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަކީ ވެސް ދަތުރުތަކުގެ ބޭނުމެކެވެ.
މިވަގުތު އަތޮޅުތެރޭގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި، ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް ހިމެނެ އެވެ. މިނިސްޓަރ އާދަމް ޝަރީފް ހުންނެވީ ރ. އަތޮޅުގަ އެވެ.
މީގެއިތުރުން އިތުރު ޓީމެއް އިއްޔެ ވަނީ ނ. އަތޮޅު ވެލިދޫއަށް ވެސް ވަޑައިގެން، މެމްބަރުންނާއި ބައްދަލުކޮށްފަ އެވެ. އަދި ލީޑާޝިޕްގެ ޓީމްތަކުން ހދ. ހަނިމާދޫގެ ސްޓީއަރިންގ ކޮމިޓީއާއި ވެސް ބައްދަލުކޮށްފައިވާކަން ފާހަގަކުރެވެ އެވެ. ހަނިމާދޫއަށް ދަތުރު ކުރި ޓީމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނެއެވެ.
އެ ޓީމުން އެ އަތޮޅުގެ އެހެން ރަށްތަކަށް ވެސް ދަތުރު ކުރާނެ އެވެ.
މީގެއިތުރުން ޕީއެންސީން ބުނީ އިތުރު ޓީމެއް މިއަދު އއ. ތޮއްޑޫއަށް ވަޑައިގެންފައިވާކަމަށެވެ.
ޕީއެންސީގެ އެހެނިހެން ޓީމުތައް ވެސް މި ހަރަކާތަކުގައި ބައިވެރިވެ، ރަށުގެ ސްޓިއަރިންގ ކޮމިޓީތަކާއި ބައްދަލުކޮށްފައިވާކަން ފާހަގަކުރެވެ އެވެ.


One Response
އިންތިކާބުނިމޭއިރަށް ކޮށްދޭން ބުނާކަންކަންވެސް އޮނާނި ނިމިފަ. ނުހުންނާނެ ހަދާންވެސް ވޯޓްކަރުދާސްކޮޅާއެކު ެކަން ނިމޭނެ.