ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އައު ޓާމިނަލް: އޮރާޓް ޕްރޮސެސް ދަނީ ބާރަށް ކުރިއަށް!

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތްތައް ނިންމާ، ޖުލައި 26އަށް ހުޅުވުމަށްޓަކައި އޮރާޓް ޕްރޮސެސް ބާރަށް ކުރިއަށްދާކަމަށް އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.

އޮރާޓް ކޮބާ؟

އޮޕަރޭޝަނަލް ރެޑީނެސް އެންޑު އެއާޕޯޓް ޓްރާންސްފާ(އޮރާޓް)އަކީ އެއާޕޯޓެއް ނުވަތަ ޓާމިނަލެއް ހުޅުވުމުގެ ކުރިން، އެތަނެއްގެ ހިދުމަތްތަކާއި ޕްރޮސީޖަރތައް ދުރާލާ ތައްޔާރުކުރުމާއި، އިކުއިޕްމަންޓު އަދި މެޝިނަރީސް ޓެސްޓުކުރުމުގެ އިތުރުން އެތަނުގައި ހަރަކާތްތެރިވާ އިންސާނީ ވަސީލަތްތައް ތަމްރީނުކުރުމެވެ. އެގޮތުން، އޮރާޓްސްއަކީ އެކި މަރުހަލާތަކަކަށް ބަހާލައިގެން، އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކަމެކެވެ.

މީގެއިތުރުން، އޮރާޓު މަރުހަލާގައި، އެއާޕޯޓެއް ނުވަތަ ޓާމިނަލެއް ހުޅުވުމުގެ ކުރިއާއި ފަހަތަށް އެތަނަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރާއި މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވާ ތަނެއްތޯ ކަށަވަރުކުރެވިގެންދެއެވެ. މި މިންގަނޑުތަކުގެ ތެރޭގައި، ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓިތައްކަމުގައިވާ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމް.ސީ.އޭ.އޭ) އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ މިންގަނޑުތައް ހިމެނެއެވެ.

އޮރާޓްގެ މަރުހަލާތައް:

1-  ފުރަތަމަ މަރުހަލާ

އޮރާޓްސްގެ ފުރަތަމަ މަރުހަލާއަކީ، އެއާޕޯޓުގެ އޮޕަރޭޝަނަށް ކަންކަން ރޭވުމާއި، އެ ރޭވުނު ކަންތައްތަކަށް ތައްޔާރުވުމެވެ. އެގޮތުން، މި މަރުހަލާގައި އެއާޕޯޓުގެ އޮޕަރޭޝަނުގައި ހިމެނޭ އިދާރާތަކާއި، އެހެނިހެން މަސައްކަތްތެރިން ދެނެގަނެ، ޓީމުތަކަށް އެކުލަވާލާ، އެބައިމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެކަށައަޅައި ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން، މި މަރުހަލާގައި އެއާޕޯޓުގައި ބޭނުންކުރަމުން އަންނަ އަދި ބޭނުންކުރަން ގަސްތުކުރާ ސިސްޓަމްތަކާއި، މެޝިނެރީ ފަދަ އާލާތްތައް ދެނެގަނެވޭނެއެވެ.

2-  ދެވަނަ މަރުހަލާ

އޮރާޓްސްގެ ދެވަނަ މަރުހަލާއަށް ބަލާއިރު، މި މަރުހަލާގައި އެއާޕޯޓުގައި ބޭނުންކުރާ އަދި ބޭނުންކުރަން ގަސްތުކުރާ އިކުއިޕްމެންޓުތަކާއި މެޝިނެރީއާއި ބޭނުންކުރާ އެހެނިހެން ޓެކްނޮލޮޖީގެ އާލާތްތަކުގެ އަޖުމަބެލޭނެއެވެ.

މީގެއިތުރުން، އެތަކެތީގެ އަޖުމަ ބެލުމަށް ފަހު، އެ ތަކެތީގެ ކިބައިގައި ހުރި މައްސަލަތައް ދެނެގަނެ، އެއާޕޯޓު ހުޅުވުމުގެ ކުރިން އެކަންކަން މި މަރުހަލާގައި ހައްލުކުރެވިގެންދާނެއެވެ.

3- ތިން ވަނަ މަރުހަލާ

އޮރާޓުގެ ދެވަނަ މަރުހަލާ ނިމުމަށްފަހު، ތިން ވަނަ މަރުހަލާގައި، އެއާޕޯޓުގެ ހާލަތު ތަމްސީލުކުރުން ނުވަތަ އޮޕަރޭޝަނަލް މޮކަޕެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން، ކޮމަޕެއްގެ ގޮތުގައި އައު ޓާމިނަލްގައި އޮޕަރޭޝަންތައް ކުރިއަށްދާނެ ގޮތްތ ތަޖުރިބާކުރެވޭއިރު، ފްލައިޓުތަކާއި ފަސިންޖަރުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަނެ ތަމްސީލުކުރެވިގެންދާނެވެ.

މީގެއިތުރުން، 2000 މީހުން ފަސިންޖަރުންގެ ގޮތުގައި ތަމްސީލުކޮށް، ބޭނުންކޮށްގެން، މުޅި އައު ޓާމިނަލްގައި ފުރިހަމަ ޓްރައިލްއެއް ކުރިއަށް ގެންދާނެއެވެ. އަދި މި މަރުހަލާގައި އައު ޓާމިނަލްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުއައްޒަފުން ތަމްރީނު ކުރެވިގެންދާނެއެވެ. އެގޮތުން، އެ މުވައްޒަފުން ތަމްރީނު ކުރުމުގެ ތެރެއިން، މުޒަައްފުން ދޭ ހިދުމަތްތައް ދިނުމުގައި ފާހަގަކުރެވޭ އުނދަގޫތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރެވިގެންދާނެއެވެ.

4- ހަތަރު ވަނަ މަރުހަލާ،

އޮރާޓުގެ ހަތަރުވަނަ މަރުހަލާގައި މީގެ ކުރިން އޮރާޓުގެ ދެވަނަ މަރުހަލާގައި އަޖުމަބެލުނު ސިސްޓަމްތަކާއި އިކުއިޕްމަންޓުތައް ބޭނުންކުރާނެ ގޮތްތަކާއި އުސޫލުތައް މުވައްޒަފުންނަށް ބުނެދެވޭނެއެވެ.

މީގެއިތުރުން، ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ހާލަތަކަށް މުވައްޒަފުން ތައްޔާރުކޮށް، އަހުލުވެރިކުރުމަށްޓަކައި ޑްރިލްސްތައްވެސް މި މަރުހަލާގައި ކުރިއަށް ގެންދެވޭނެއެވެ. އަދި އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި އުސޫލުތައްވެސް މި މަރުހަލާގައި ބުނެދެވޭނެއެވެ.

5- ފަސް ވަނަ މަރުހަލާ

އޮރާޓުގެ ހަތަރު ވަނަ މަރުހަލާ ނިންމާލުމަށްފަހު، ފަސް ވަނަ މަރުހަލާގައި ޓާމިނަލް ބޭނުންކުރަން ފަށާނެއެވެ. އެގޮތުން، މި މަރުހަލާގައި، އާންމު ހާލަތުގައި އައު ޓާމިނަލް ފްލައިޓުތަކާއި ފަސިންޖަރުންނަށް ހުޅުވާލެވިގެންދާނެއެވެ. އަދި ރޭވުންތެރިކަމާއިއެކު ފަހަރުކު އެއާލައިނެއްގެ އިންޓަނޭޝަނަލް އޮޕަރޭޝަން އާ ޓާމިނަލްއަށް މި މަރުހަލާގައި ބަދަލުކުރެވިގެންދާއިރު، އެ އެއަރލައިންތައް މަޑުމަޑުން އިތުރުކުރަމުން އައިސް ބައިނަލްއަގްވާމީ ހުރިޙާ އެއާލައިންތަކުގެ އޮޕަރޭޝަން އައު ޓާމިނަލްއަށް ބަދަލުކުރެވިގެންދާނެއެވެ.

6- ހަވަނަ މަރުހަލާ

އޮރާޓުގެ ހަވަނަ މަރުހަލާގައި އެއާޕޯޓު މޮނިޓަރކޮށް، ފާހަގަކުރެވޭ ނުބައިތައް ރަނގަޅުކޮށް، އެކަން ރަނގަޅުކުރެވިގެންދާނެއެވެ. އެގޮތުން، މި މަރުހަލާގައި ޓާމިނަލް އާންމު ހާލަތުގައި އައު ޓާމިނަލް ފްލައިޓުތަކާއި ފަސިންޖަރުންނަށް ހުޅުވާލުމާއިއެކު، ފާހަގަކުރެވޭ މައްސަލަތައް ވީހާވެސް އަވަހަށް ދެނެގަނެ، އެކަންކަން ހައްލުކުރެވިގެންދާއިރު، ޓާމިިނަލްގެ އޮޕަރޭޝަނަށް ބުރުނާރާ ގޮތުގެ މަތިން ހުރިހާ ކަމެއް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމަކީވެސްމި މަރުހަލާގައި ކުރިއަށް ގެންދާ ކަންތައްތަކެވެ.

މީގެއިތުރުން، އެއާޕޯޓުގެ ހިދުމަތް ދިނުމަށް އެކުލާވެލިފައިވާ މެކޭނިޒަމްތައް އޭގެ އެންމެ އުސް މިނަށް ނުވަތަ އޮޕްޓިމަމް ލެވެލްއަށް ހިއްލާލެވޭނެއެވެ.

އޮރާޓްގެ ސަބަބުން ލިބޭ ފައިދާތައް

އޮރާޓްގެ މަރުހަލާތައް ފުރިހަމަކުރުމަކީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން އޮޅުންބޮޅުންތަކާއި އެއާޕޯޓުގައި ދިމާވެދާނެ ގޯސްތަކުން ފަސިންޖަރުންނާއި މުވައްޒަފުން ރައްކާތެރިކޮށްދިނުމަށް މަގުކޮށައިދޭކަމެވެ.

މީގެއިތުރުން، އޮރާޓްގެ ސަބަބުން އައު ޓާމިނަލް ހުޅުވުމުގެ ކުރިން އެތަނުގެ ރައްކާތެރިކަމާއި ހިދުމަތުގެ ފެންވަރު ކަށަވަރުކުރެވިގެންދާއިރު، އައު ޓާމިނަލްގައި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެއާލައިންސްތަކާޢި ފަސިންޖަރުންގެ އިތުރުން ސްޓޭކްހޯލްޑަރުން ހިތްހަމަޖެހި، އެބޭފުޅުންގެ އުފާވެރިކަން ކަށަވަރުކޮށްދެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: