ރައްޔިތުން މިހާރު ދަނީ ސަރުކާރު ދާ ދިމާ ވަޒަންކުރަމުން ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރު ޖަވާބުދާރީކޮށް އޮޕޮޒިޝަނަށް ކާމިޔާބު ލިބޭކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ނިޔާޒް ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބުގައި ކަންކަން ވެގެންދިޔަ ގޮތަށް ބަލާލުން މުހިންމު ކަމަށެވެ. އެ އިންތިހާބުގައި ރައީސް މުއިއްޒުއަށް ރައްޔިތުން އޮތީ ވަރަށް ބޮޑު މެޖޯރިޓީއެއް ދީފައި ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ. އަދި މަޖިލިސް އިންތިހާބު އަންނަނީ އޭގެ ގާތް ގަނޑަކަށް 6 މަސް ފަހުން ކަމަށް ވިދާޅުވިއެވެ. ރައްޔިތުން ވޯޓު ދެމުން އައިސްފައިވާ ގޮތަށް ބަލާއިރު ރިޔާސީ އިންތިހާބުގައި މޮޅުވާ ބަޔަކަށް މަޖިލިސް އިންތިހާބުގައިވެސް މެޖޯރިޓީ ދޭކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އެމްޑީޕީއަށް ނާކާމިޔާބު ލިބުނު އެއް ސަބަބަކީ އެއީ ކަމަށެވެ. އަދި ޕާޓީގެ ތިއްބެވި މެމްބަރުން ޕާޓީ ދޫކުރައްވާ ވަޑައިގަތުމާއިއެކު ގޮނޑިތައް ކާމިޔާބުކުރަން ބޮޑަށް އުނދަނގޫވެގެން ދިޔަ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
”އަނެއް ސަބަބަކީ ރިޔާސީ އިންތިހާބު އޮތް ގޮތަށް ޑރ. މުއިއްޒުގެ ސިޔާސަތު ތަންފީޒު ކުރުމަށް ޑރ. މުއިއްޒު ދައްކަވަމުން ދިޔަ ވާހަކައަކީ ތިމަންނާގެ ކަންތައްތައް ރިޔާސީ އިންތިހާބުގައި ތިމަންނާއަށް ތިވަރު ބޮޑު މެޖޯރިޓީއެއް ދިނަސް ކޮށްދޭން ބުނެފައިވާ ކަންކަން ކޮށްދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލާއި ސަރުކާރު ސްމޫތުކޮށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ތިމަންނަ ބޭނުމޭ. އެއަޑު ރައްޔިތުން އަހައިގެން ވޯޓު ދިން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ“
ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ގުޅިގެން ނިޔާޒް ވިދާޅުވީ މިހާރު މި ސަރުކާރު ދާނެ މިސްރާބު ރައްޔިތުން ވަޒަން ކުރާ ކަމަށެވެ. ނިިޔާޒް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އަދި ސަރުކާރަށް މެސެއްޖެއް ދިނުމަށްޓަކައި އޮޕޮޒިޝަނަށް ވޯޓު ދިނުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ އެ ވިސްނުން ހުރި ކަމަށް އެމްޑީޕީން ބާއްވާ ބައްދަލުވުންތަކުން އެނގޭކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އޮޮޕޮޒިޝަންގައި ތިބޭއިރު ބައިވަރު މީހުން ރިޔާސީ އިންތިހާބަށް ކުރިމަތިލާނެ ކަމުގެ އަޑު އަރާނެ ކަމަށެވެ. އަދި ލިބޭ 5 އަހަރުގެ ތެރޭގައި އެބޭފުޅުންގެ ޓީމުތައް ބިލްޑުކުރަން މަސައްކަތްވެސް ކުރައްވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. މީގެއިތުރަށް ޕާޓީގެ ތެރޭގައި ނުސީދާކޮށް ވެސް ސިޔާސަތުތައް ވިއްކުމާއި މިފަދަ ކަންކަމަކީ ނުސީދާކޮށްވެސް ހިނގާ ކަންކަން ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ ވިސްނުމަކަށް ވާނީ އެމްޑީޕީ ވެރިކަމަށް ގެނައުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

