ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމްކުރަން ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެކްސްގައި ކުރައްވާފައިވާ ފޯސްޓުގައި ވަނީ ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ދިވެހިސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ރަނގަޅުވާހަކައެއްނޫން ކަމަށެވެ. އަދި އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާކަމެއް ވެސް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވަނީ ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓް ޒޯނެއް ހެދުމަށް ރާއްޖެ އާއި ލަންކާއާ ދެމެދު ކުރަމުން އަންނަ މަޝްވަރާތައް ހަގީގަތަކަށް ވެއްޖެ ނަމަ އެއީ މި ސަރަހައްދުގައި މިހާތަނަށް ދެ ގައުމަކުން ހަދާ އެންމެ ތާރީހީ އިގްތިސާދީ އެއްބަސްވުމަށް ވެގެން ދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވިސާ ނުވަތަ ވޯކް ޕާމިޓް ބޭނުންނުކޮށް އެއްގައުމުން އަނެއް ގައުމަށް ގޮސް ދިރިއުޅުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި، މުދާ މިލްކުކުރުމާއި، ވިޔަފާރި ހިންގުމާއި، އާންމު ހިދުމަތްތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ.

