ކުރިއަށް އޮތް ތަނުގައި މާލޭގައި ޖީޕީ ކްލިނިކްތަކެއް ގާއިމްކުރަން ނިންމާފައިވާ ކަމަށާއި މިކަމުން ރައްޔިތުންނަށް އެޕޮއިންޓްމެންޓު ހޯދުމަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ހަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައިވެސް ޓާޝަރީ ހޮސްޕިޓަލަކަށް ބޭނުންވާ ވަސީލަތްތައް ހުންނާނެ ކަމަށެވެ. އެގޮތުން ސީޓީ، އެމްއާރުއައި، އެކްސްރޭއާި ޖުމްލަގޮތެއްގައި ރޭޑިއޮލޮޖީގެ ހިދުމަތްތައް ދަރުމަ ވަންތައިގަވެސް އަދި އައިޖީއެމްއެޗްގައިވެސް ލިބިގެންދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައިވެސް ސީޓީ އަދި އެމްއާރުއައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އެހެންނަމަވެސް ޑިމާންޑް ބޮޑުވަމުން އަންނަ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ހޮސްޕިޓަލްގެ ހިދުމަތްތައް ތަރައްގީ ކުރުމަށްޓަކައި ވާހަކަތަކެއް ދެކެވިފައި އޮތް ނަމަވެސް އެކަމަށް އެހާ ބޮޑު އަހަންމިޔަތު ކަމެއް ދެވިފައި ނުވާ ކަމަށެވެ. މިސަރަހައްދުގެ އާބާދީ އިތުރުވެގެން ދާއިރު އައިޖީއެމްއެޗްއަކީ 30 އަހަރުވީ ހޮސްޕިޓަލެއް ކަމަށާއި އޭރު ހުރި އެންދުގެ އަދަދަށް ބަލާއިރު ރައްޔިތުންނަށް ކޭޓާ ކުރެވޭނެގޮތެއް ނެތްކަމަށް ހަލީމް ވިދާޅުވިއެވެ.
”ޑޮކްޓަރަށް ދެއްކީމައި އެބަ ފާހަގަވޭ ސާޖަރީ ހަދަން ޖެހޭކަމަށް ބައެއް ބޭފުޅުން އަނެއްބައި ބޭފުޅުން އެކިކަހަލަ ކަންކަމާއި، ދުވަސްވީ އިސްރަށްވެހި ބޭފުޅުންވެސް އާއްމު ބަލިތަކުގައި ވެސް ކްރިޓިކަލް ހާލަތްތައް މެދުވެރިވޭ. އެކަމަކު އަޅުގަނޑުމެންގެ ބެޑް ކެޕޭސިޓީއަށް މިހާ ދުވަސް ވީއިރު ނެތެއްނޫންތޯ މާ ބޮޑަކަށް އިތުރުކުރެވިފަ. އައިޖީއެމްއެޗް ހޮސްޕިޓަލްގައި މިސަރުކާރު އައުމުގެ ކުރިން އެ މުއްދަތުގައި އަދި އިންކްލޫޑިންގ ދަރުމަވަންތަ ހޮސްޕިޓަލް، އޭރު ބޭނުންކުރަން ފެށި ހިސާބުން ފެށިގެން ހުޅުވުނު ދުވަހުން ފަށައިގެން 30 އަހަރު ވަންދެން 130އަކަށް އެންދު އިތުރުވީ“
ހަލީމް ވިދާޅުވީ ކިތަންމެ ވަރަކަށް ޑޮކްޓަރަށް ދައްކަން އަޔަސް އަދި ޕްރޮސީޖަރތައް ހަދަން އަޔަސް އެނދު ނެތް ކަމުގައިވާ ނަމަ އެމީހުން ޖެހޭނީ މަޑުކުރަން ކަމަށެވެ. ހަލީމް ވިދާޅުވީ އެޑްމިޓް ކޮސްފައިވާ ޕޭޝަންޓެއް ރަނގަޅުނުވަނީސް ނުވަތަ ޑިސްޗާޖް ނުވަނީސް ދުލެއް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ދެންތިއްބެވި ބޭފުޅުން ހަމަ ޖެހޭނީ މަޑުކުރަން ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި 119 އެނދާއިއެކު އައިޖީއެމްއެޗްގައިވެސް 75 އެނދުގެ ސާޖިކަލް ވޯޑެއް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެއާއިއެކު ޖުމްލަ 194 އެނދު ދޮޅު އަހަރުގެ ތެރޭގައި އިތުރު ކުރެވިފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ. މީގެއިތުރަށް މަލްޓިސްޕެޝަލްޓީ ސާޖަރީއަށް ވިންގެއް ގާއިމްކޮށްފައިވާ ކަމަށާއި މީގެ ސަބަބުން ސާޖަރީތައް ބޮޑުތަކުން އަވަސް ވެގެންދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

