މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލައިގައި ޚުލާސާ ބަޔާން އިއްވައިފިއެވެ.
މި އަޑުއެހުމުގައި އެންމެ ފުރަތަމަ ދައުލަތުން ޚުލާސާ ބަޔާން އިއްވުމުން ދިފާއުންވެސް ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. އެހެންކަމުން އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމެވެ.
މި މައްސަލައިގައި މައުމޫނުގެ މައްޗަށް އުފުލާފައިވާ 7 ދައުވާއަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.
މި މައްސަލައިގެ ދައުވާތަކުގެ ތެރޭގައި މައުމޫނުގެ އެކައުންޓަށް ސީދާ ފައިސާ ޖަމާކޮށްފައިވާކަމަށް ބުނާ ކުންފުނިތަކަކާއި، އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް ޖަމާކޮށްފައިވާކަމަށް ބުނާ ފައިސާ ހިމެނެއެވެ. ނަމަވެސް އެ ކަންކަމަށް މައުމޫނުގެ ފަރާތުން އިންކާރު ކުރެއެވެ.
އޭނާގެ ވަކީލު ވިދާޅުވާ ގޮތުގައި އެ ދައުވާތަކުގައި ހިމަނާފައިވާ ކަންކަމަކީ އެތައް ބަޔަކު ގުޅިގެން މެނުވީ ނުކުރެވޭނެ ކަންކަމުގެ ތުހުމަތުތަކެެވެ. އެހެންކަމުން އެއީ ހަމަހަމަކަމުގެ އަސާސެއް ނެތި އުފުލާފައިވާ ދައުވާތަކެއްކަން އެނގޭކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މިސާލަކަށް އޭގެ ތެރެއިން ބައެއް ކުންފުނިތަކާއެކު ކުރެވިފައިވާ މުއާމަލާތްތަކަށް ބަލާއިރު، ބައެއް ކުންފުނިތަކުގެ ޕްރޮޕޯސަލްތަކަކީ ކުންފުންޏަށް އައިސްފައިވާ ޕްރޮޕޯސަލްތައް ކަމަށާއި، އެކަމާ ގުޅޭ މަސައްކަތްތައްވެސް ކޮށްފައިވަނީ ޕްރޮކިއުމަންޓުގެ ތެރެއިންކަމަށް ވަކީލު ވިދާޅުވިއެވެ.
އެ މަރުޙަލާތަކުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ބައިވެރިވުމެއްވެސް ނޯންނާނެކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ޕްރޮކިއުމަންޓުގެ މުވައްޒަފުންވެސް މަސައްކަތް ކޮށްފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި، އެ މުވައްޒަފުންނަށް މައުމޫނުވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަން އެމީހުންގެ ބަޔާނުންވެސް އެނގޭކަމަށް ވަކީލު ވިދާޅުވިއެވެ.

