ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމްއަށް ކުރާ ދައުވާ: ދެ ހެއްކެއްގެ ހެކިބަސް ނަގައިފި

(އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މި އަޑުއެހުމުގައި ފުރަތަމަ ހާޒިރުވި ހެކިވެރިޔާއަކީ މި މައްސަލައާ ގުޅޭ އަމުރުތަކެއް ތަންފީޒު ކުރުމަށް ސީންގައި ޙަރަކާތްތެރިވި ތަހުގީގި އޮފިސަރެކެވެ. އެއީ އެފްއޭއެމްއާ ގުޅުންހުރި ދެ ތަނެއް ބަލައިފާސްކުރުމުގެ އަމުރެކެވެ.

ހެކިވެރިޔާ ވިދާޅުވީ، މައްސަލައާ ގުޅުންހުރި ގިނަ ލިއެކިއުންތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކެއް އޭރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށާއި، އެތަކެތީގެ ޗެއިން އޮފް ކަސްޓަޑީވެސް ފުރިހަމަވާނެ ކަމަށެވެ. އެތަންތަން ބަލައި ފާސްކުރީ އެފްއޭއެމްގެ ޤާނޫނީ ވަކީލުގެވެސް ހާޒިރުގައިކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ، އެތަނުން ނެގިފައިވާ ހެކިތަކުގެ ތަފްސީލު އިންވެންޓަރީގައި ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން، އެ އޮޕަރޭޝަން ހިންގުމުގައި އެފްއޭއެމްއިން އޭރު އެއްވެސް މީހަކު ދެކޮޅު ހަދާފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެވަނައަށް ހާޒިރުވި ހެކިވެރިޔާއަކީ އެގްޒެކެޓިވް ކޮމިޓީގެ ނައިބްރައީސްގެ މަޤާމު ފުރުއްވާފައިވާ ފަރާތެކެވެ.

އޭނާ ކިޔާދިން ގޮތުގައި އޭނާއަކީ އެފްއޭމްގެ ޗެކްތަކުގައި ސޮއިކުރުމުގެ ބާރު ދީފައިވާ ފަރާތެކެވެ. އެގޮތުން އޭނާއަށް 2014 ވަނަ އަހަރުން ފެށިގެން އެ ބާރު އޮންނަކަމަށް ހެކިވެރިޔާ ކިޔާދިނެވެ. އަދި 2018 ވަނަ އަހަރުވެސް އެފަދަ ޗެކެއްގައި ސޮއިކޮށްފައިވާނެ ކަމަށާއި، އެ ޗެކާ ގުޅޭގޮތުން ފުލުހުން ސުވާލު ކޮށްފައިވާކަމަށްވެސް ހެކިވެރިޔާ ކިޔާދިނެވެ.

މި މައްސަލައިގައި ފުލުހުން ސުވާލުކޮށްފައިވަނީ ޑޮލަރު މާރު ކުރުމާ ގުޅޭ ޗެކަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެލަވަންސް ނަންގަވާކަމަށްވެސް ހެކިވެރިޔާ ކިޔާދިނެވެ. އެއީ 5000 ރުފިޔާގެ އެލަވަންސްއެއް ކަމަށާއި، އެ އެލަވަންސް ނެގުމުގެ އިހުތިޔާރު އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނަށްވެސް އޮންނާނެކަމަށްވެސް ހެކިވެރިޔާ ކިޔާދިނެވެ. އަދި ބައެއް ފަހަރު ގަނޑުކޮށްވެސް ބައެއް މެމްބަރުން އެލަވަންސް ނަގާކަމަށް ހެކިވެރިޔާ ކިޔާދިނެވެ.

ހެކިވެރިޔާ ކިޔާދިން ގޮތުގައި އެލަވަންސްދޭއިރު ޑޮލަރުން އަދި ދިވެހި ރުފިޔާއިންވެސް ދެއެވެ. އަދި އެ ތަފްސީލުތައް ބޭންކަށް ފޮނުވާފައިވާ ލިއެކިއުންތަކުން އެނގެން ހުންނާނެކަމަށް ހެކިވެރިޔާ ކިޔާދިނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

މައްސަލައިގެ ފަސްފަހަތް:

މި މައްސަލައިގައި ކުރިން ތަޙުޤީޤު ކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އޭގެ ފަހުން އައު ދައުވާތަކެއް އަނެއްކާވެސް ކޯޓަށް ހުށަހެޅިއެވެ.

ޕީޖީން ހުށަހެޅި އައު ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. އެ ދައުވާ އުފުލާފައިވަނީ ބައްސާމު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އޭނާގެ މައްޗަށް ދެން ހުށަހަޅާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.

މި ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: