ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިންތިހާބުތަކާ ދިމާކޮށް އަބަދުވެސް ހިސާބު ޖައްސަވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ޖައްސަވާ އެއްވެސް ހިސާބެއް މިހާތަނަށް ދިމާވެފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، އަސަދުﷲ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ހަމައެކަނި ރައީސް ނަޝީދު ޖެއްސެވި ހިސާބު ދިމާވި ފަހަރު ކަމަށެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދު ޖައްސަވާފައިވާ އެއްވެސް ހިސާބެއް ދިމާވެފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަސަދުﷲ ވިދާޅުވި ގޮތުގައި، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަދި އެ އަހަރުގެ މަޖިލިސް އިންތިހާބުން އެމްޑީޕީއަށް ލިބިފައިވަނީ ގެއްލުމެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށް ރައީސް ނަޝީދު ޖެއްސެވި ހިސާބަކީ، އެމަނިކުފާނު ނޫން އެހެން ފަރާތަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިއްޖެނަމަ، އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
”2018 ގައި ރައީސް ނަޝީދު ޖެއްސެވި ހިސާބު ދިމާނުވެ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގަތް،“ އަސަދުﷲ ވިދާޅުވިއެވެ.
އަސަދުﷲ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ނަޝީދު ހިސާބު ޖެއްސެވި ނަމަވެސް، އެ ހިސާބުވެސް ދިމާނުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އަމިއްލަ ކުޑަ ޕާޓީއެއް އުފައްދަވައި، ގައުމުގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުކޮށްލި ބަޔަކާއެކު މަސައްކަތް ކުރެއްވި ނަމަވެސް، އިންތިހާބުގެ ނަތީޖާއިން އެމަނިކުފާނުގެ ހިސާބު ދިމާނުވާކަން ސާފުވެގެން ދިޔަ ކަމަށެވެ.

