ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅު އަޅާކަމަށް ބުނެ މިހާތަނަށް ފެނުނީ ބައެއް މީހުން މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކޮށް، ދެން ތިބި މީހުންނާއި ދެކޮޅަށް ބޮޑެތި ފިޔަވަޅު އަޅާ މަަންޒަރުކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝަމްހީދު ވިދާޅުވީ، ކޮރަޕްޝަނުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާކަމަށް ބުނެ މި ސަރުކާރުގެ މެމްބަރުން އަބަދުވެސް ވާހަކަ ދައްކަވަމުން ގެންދާކަމަށެވެ. އެ ފިޔަވަޅުތައް އަޅާ ގޮތަކީ ކޮބައިތޯ ސުވާލު އުފައްދައި ޝަމްހީދު ވިދާޅުވީ ތުހުމަތު ކުރެވޭ މީހުންނާއި މެދު އަމަލު ކުރާ ގޮތް ތަފާތު ކަމަށެވެ. އެގޮތުން ބައެއް މީހުން ވަކިކޮށް މައްސަލަ ބަލައި ބަންދު ކުރާއިރު، ދެން ތިއްބެވި ބޭފުޅުންގެ މައްސަލައިގައި ވާނުވާއެއް ނޭނގޭކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި ބައެއް ބޭފުޅުން ތުހުމަތާއި އެކު މަގާމުން ވަކިވެ، ސަރުކާރުގެ ތެރޭގައި ނުސީދާކޮށް މަސަައްކަތް ކުރާއިރު އެހެން އެތައް ބަޔަކު އަދިވެސް ކޮރަޕްޝަން ހިންގުމުގައި ދެމި އެބަތިބިކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ މަގާމުގެ މަސްއޫލިއްތުން ސަސްޕެންޑުކޮށް، ގިނަ ބަޔަކު ދަނީ މުސާރަ ލިބޭ ގޮތަށް ގެއަށް ކަމަށެވެ. އަދި އެފަދަ ބައެއް މައްސަލަތަކަށް ހަ މަސް ފާއިތުވެގެން ދިޔައިރު މަސައްކަތެއް ނުކޮށް މުސާރަ ހިނގަމުންދާކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއަށް އަމާޒުކޮށް ޝަމްހީދު ވިދާޅުވީ އެންމެ ގިނައިން ކޮރަޕްޝަނާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާ ބޭފުޅަކީ އެއީކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ނިކުތް އެއްވެސް ނަތީޖާއެއް ނެތްކަމަށް ވިދާޅުވި އެވެ.
ދެން އަޅުގަނޑުމެން މިއަދު ހަމަ އިއްޒަތްތެރި މެންބަރު ނާޒިމް ވަރަށް ގިނަ ވާހަކައިގައި ކޮރަޕްޝަންގެ ވާހަކައާއި.. މި ސަރުކާރުން ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ފިޔަވަޅުއަޅާ ވާހަކަ ދައްކާއިރު އެ ފިޔަވަޅުތަކަކީ މުސާރަދީފައި ފަސް މަހަށް ހަ މަސްވާއިރު ވެސް ގޭގައި ބެހެއްޓުން.. ކަމަށް ވެއްޖެ އެއީ ފިޔަވަޅެއް. އަޅުގަނޑުމެންނަށް ހަބަރުތަކުން ފެނޭ އެކަހަލަ ތުހުމަތު ކުރެވޭ ބޭބޭފުޅުންނައި ހަމަ ފުލް މުސާރަ ދީފައި ގޭގޭގައި ބައިތިއްބާ ވާހަކަ މަސައްކަތެއް ނުކޮށް… އެ ރަނގަޅު ގޮތެއް ވެއްޖެއްޔާ އެގޮތް މި ސަރުކާރުން އެބަ ކުރޭ…
ޝަމްހީދު ވިދާޅުވީ، ދިވެހި ގައުމު މާލީ ގޮތުން އޮތް ހާލަތާއި މެދު ވިސްނާލަން ޖެހޭކަމަށެވެ. އަދި 2025 އަހަރުގެ މެދަކާއި ހަމައަށް ދިޔައިރު ދައުލަތަށް 16.9 ބިލިއަންގެ އާމްދަނީއެއް ލިބުނު އިރު އޭގެއިން ރައްޔިތުންނަށް ކުރި ފައިދާއަކާއި މެދު ޝަމްހީދު ސުވާލު އުފެއްދެވި އެވެ. ޝަމްހީދު ވިދާޅުވީ މިހާތަނަށް އައިއިރު ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ވެސް ހުރީ ހުއްޓިފައި ކަމަށެވެ. އަދި ވިދާޅުވީ ޖޫން މަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ ކަނޑައެޅި އަދަދުގެ 12 އިންސައްތަ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ މިއީ ތަރައްގީގެ މަޝްރޫއުތައް ހުރި ހާލުކަމަށާއި، ރާއްޖެ ދައްކަން ޖެހޭ ވަރަށް ގިނަ ދަރަނިތައް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ދަރަނި ދެއްކުމަކީ ކޮންމެ ސަރުކާރެއްގައި ވެސް އޮންނަ މުއްދަތަކަށް އަދާކުރާ ޒިންމާއެއްކަމަށްވުމާއި އެކު މި ސަރުކާރުން އަލަށް ކުރާނެކަމެއް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ދަރަނި ދެއްކުމަށް ފަހު ސަރުކާރުން އެކަން ފާހަގަކޮށް، އިއުލާނު ވެސް ކުރާކަމަށެވެ. އެހެން ނަމަވެސް މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ބޮޑު ދަރަންޏާއި މެދު ސަރުކާރުން އެއްވެސް މިންވަރަކަށް ވިސްނާތޯ ޝަމްހީދު ސުވާލު ކުރެއްވިއެވެ.
މީގެއިތުރުން ޝަމްހީދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ސީރިއަސް ސިފައެއްގައި ކޮމިޓީގައި އަދިވެސް މަޝްވަރާ ނުކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރަން އޮތް ނަމަވެސް އެކަން ކުރެވޭނެކަން ނުވަތަ ނޫންކަން ނޭނގޭކަމަށް ޝަމްހީދު ވިދާޅުވި އެވެ.

