ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓަލިޖެންސް ޑިޕާޓްމަންޓުން ގުޅިގެން ހިންގި އެންޓި ޑްރަގް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހު މާލޭގައެވެ.
ފުލުހުން މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ށ. ކޮމަންޑޫ / ސާތީ، ޙުސައިން ޝާނިމު (24އ) އެވެ. އޭނާއާ ގުޅުންހުރި 3 ތަނެއް ބަލައި ފާސްކުރުމުން، 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ވަނީ އަތުލާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ފުލުހުންގެ ކަސްޓޯޑިއަލްގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ފުލުހުން މި މައްސަލައިގައި އަތުލެވުނު މަސްތުވާތަކެއްޗަކީ ކޮން ބާވަތެއްގެ މަސްތުވާތަކެތިކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަވުމުން އިތުރު މަޢުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

