މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމިއްޔަތު މިނިސްޓްރީ) އަށް އެތަކެއް ސިޔާސީ މުވައްޒަފުންނެއް ލައިގެން ޤައުމަށް ލިބޭ ފައިދާއެއް އެބައޮތްތޯ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ސުވާލު އުފައްދަވައިފިއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޒިޔާދު ވިދާޅުވީ، މި ސަރުކާރުންވެސް ކުރަމުންދާ ރަނގަޅު ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމާއި، ފަޤީރުންގެ ތެރެއިން ވަކި އަދަދެއްގެ މީހުންނަށް ޙައްޖަށް ދެވޭގޮތް ހެދުމާއި، އައިވީއެފް ފަރުވާ އާސަންދައިގެ ނިޒާމުގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި، ދުބާއީއާއި ބެންކޮކް ފަދަ ތަންތަނުން އާސަންދައިގެ ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ ކަންކަން ހިމެނޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
އެހެންނަމަވެސް އޭގެ ތެރެއިން ގޯސްވަނީ މައުލޫމާތު ސިއްރު ކުރުމުންކަން ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ، އާންމުންގެ ތެރެއިން ޙައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ ކޮން ބަޔަކަށްތޯ މިއީ ސިއްރު މައުލޫމާތެއް ކަމަށެވެ. އަދި މިއީ މައްސަލައެއްކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު އިޤްތިސާދީ ޙާލަތާއި ދަރަނީގެ ޙާލަތުވެސް އެނގޭނެ ކަމަށާއި، ކަންކަން ރަނގަޅަށް މެނޭޖް ކުރަން އެނގޭނަމަ އެކިއެކި މައްސަލަތައް ފެންމަތި ނުވާނެ ކަމަށެވެ.
ސަރުކާރަށް ދެއަހަރާއި ބައި ވާއިރު އަދިވެސް ލޯނު ދައްކަންޖެހޭ ވާހަކަ ދައްކަން ތިބެންވީ ހެއްޔޭ
ޒިޔާދު އިތުރަށް ވިދާޅުވީ، މުޅި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ފެންނަނީ ރަށެއްގައި ތިއްބަވާ ކައުންސިލަރުންތަކެއް އެކަނި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބައެއް ވުޒާރާތަކުގައިވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ވުޒާރާތައް އެބަހުރިކަމަށް ޒިޔާދު ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުގައި ޒިޔާދު ނެންގެވީ ޤައުމިއްޔަތު މިނިސްޓްރީއެވެ.
ޒިޔާދު ވިދާޅުވީ، ރަށްރަށުގެ ކައުންސިލަރުންގެ އަދަދު 5 ކައުންސިލަރުންގެ ގޮތުގައި އޮތުމަކީ މައްސަލައެއްކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.
ހަމައެއާއެކު، ވެރިކަމަށް މިހާ ދުވަސްވީއިރު ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރަށް ނޭނގުމަކީ މާ ބޮޑު މައްސަލައެއްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ކަންކަން ކޮށްދޭން ނުވަތަ އަސާސީ ކަންކަން ކޮށްދޭން ހުއްޓާއި، ބޭކާރު ހަރަދުތައް އިސްކުރުމަކީ މައްސަލައެއް ކަމަށާއި، އަދި ރައްޔިތުންނަށް އެފަދަ ކަންކަން ކޮށްދޭން އެދުމުން އެ ފައިސާއެއް ނެތޭ ބުނެ އެމްޑީޕީގެ ސަރުކާރުން ވަކި ގޮތަކަށް އަމަލުކޮށްފައި އޮތްކަމަށް ބުނެ ބަހަނާތަކެއް ދަށްކާ ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

