ޗައިނާއަށް އެކްސްޕޯޓުކުރާ ދިވެހި ކަނޑުމަހުން އެގައުމުގެ ކުންފުންޏަކުން ދަޅުމަސް އުފައްދައިފިއެވެ.
ދިވެހި ކަނޑުމަސް ބޭނުންކޮށްގެން މަސްދަޅު އުފެއްދީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ވޭހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޮމްޕެނީ ލިމިޓެޑުންނެވެ.
މިގޮތުން އެ ކުންފުނިން ވަނީ ފުރަތަމަ ސާމްޕަލް ބެޗް ދައްކާލާފައެވެ. މި މަސައްކަތަކީ ޗައިނާގެ ”ޖިންގްވެއިޑާއޯ“ ބްރޭންޑް ޓީމާ ގުޅިގެން ކުރެވުނު މަސައްކަތެއްކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ.
ޗައިނާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން އުފެއްދި ދަޅު މަސް ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް އަރުވާފައެވެ.
މިކަމާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖެ – ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއްކަމަށެވެ.
މި އެއްބަަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އެއްބަސްވުމާއިއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ވަނީ ސުންރޭޓަށް ދަށްވެފައެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ޗައިނާއަށް ފޮނުވާ މަހުގެ އުފެއްދުންތަކަށް އެއްވެސް އިމްޕޯޓް ޑިއުޓީއެއް ނުނަގާއިރު މިކަމުގެ ސަބަބުން ދިވެހި މަހުގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު މާކެޓަށް ހުޅުވާލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، އާ މާކެޓްތައް ހޯދައި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި އަގުހުރި މަހުގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކުރެވެމުންދާ ކަމެއް ކަމަށެވެ.

