ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ވަގުތު ބޭކާރު ކުރުމެއް ނެތް، ބިލުތަކަށް ސަމާލުކަން ދީ ކުރެވެނީ ފުރިހަމަ މަސައްކަތެއް: މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާއި، ބިލުތައް ފަރުމާ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި، އެ ބިލުތައް ލިބުމާއި މަސައްކަތްތައް ކުރިޔަށް ގެންދާނީ އެއްވެސް ވަގުތެއް ބޭކާރުކުރުމަކާއި ނުލައިކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތައް މިފަހަކަށް އައިސް ހެނދުނު ދަންފަޅިއަށް ނިންމާލާތީ، އެކަމަށް އެމްޑީޕީގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެމްޑީޕީ ގަބޫލު ކުރާ ގޮތުގައި މި ދައުރުގެ ޖަލްސާތައް ފެށުނު ފަހުން މިހާތަނަށް ހުރިހާ ޖަލްސާއެއް ވެސް ހެނދުނު 10:30 އަށް ނިންމާލާފައި ވަނީ ކޮމިޓީގެ މަސައްކަތްތަކަށް ޖާގަ ދިނުމަށްކަމަށް ބުނި ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. އަދި މެމްބަރުން ބުނެފައި ވަނީ އެޖެންޑާގައި ބައެއް މަސައްކަތްތައް ހުރެމެ ނުވަތަ މެމްބަރުން ވާހަކަ ދެއްކުމުގެ ފުރުސަތަށް އެދިފައި ވަނިކޮށް ވެސް ޖަލްސާތައް ނިންމާލާފައި އެބަހުއްޓެވެ.

އެއް ބިލުގެ ބަހުސް ދެ ހަފްތާއަށް ދިގު ދެމިގެން ދިއުން ފަދަ މައްސަލަތައް ދިމާވާއިރު، މިފަހުން އެމްޑީޕީ ހުށަހަޅާ ކުއްލި މައްސަލަތަަކާއި ގަރާރުތައް ވެސް ޕީއެންސީގެ ވޯޓާއި އެކު ވަނީ ބަލައިގަނެ ބަހުސްކޮށްފަ އެވެ. އެމްޑީޕީގެ މެމްބަރުން ބުނެފައި ވަނީ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށިގެން އައި އިރު ރައީސުލްޖުމްހޫރިއްޔާއާއި ބަންޑާރަ ނައިބު ވަނީ ލެޖިސްލޭޓިވް އެޖެންޑާއެއް އިއުލާނު ކުރައްވައި 200 ބިލެއް މަޖިލީހަށް ހުށަހަޅާނެކަމަށް ހާމަކޮށްފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އެ ސްޕީޑުގައި މަސައްކަތް ކުރާތަން ނުފެންނަކަމަށާއި، އިސްލާހުތަކާއި ބިލުތައް ބަންޑާރަ ނައިބު އަހުމަދު އުޝާމް ނުފޮނުވަނީ ކޮން ސަބަބަކާއި ހުރެތޯ ސާފުވާން ޖެހޭކަމަށް ވަނީ ބުނެފަ އެވެ.

މި ފާޑުކިއުންތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި މުސްތަފާ ވިދާޅުވީ، އޭނާ ގަބޫލު ކުރާ ގޮތުން ސަރުކާރުން ދަނީ މަޖިލީހަށް ހުށަހަޅަން ޖެހޭ ބިލުތަކުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އައު ގާނޫނުތައް ފަރުމާ ކުރުމާއި އެކު، އިސްލާހު ހުށަހަޅަން ޖެހޭ ގާނޫނުތަކުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވެސް ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކާއި، ކޮމިޓީގެ ބިލުތައް ދިރާސާކޮށް ރަނގަޅު ގޮތުގައި ކުރިޔަށްދާކަމަށެވެ. އަދި އިތުރު ވަގުތު މަޖިލީހުގައި ތިބެ ވެސް އެތައް ބިލެއްގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާނެކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި މިދިޔަ ދައުރުގައި ވެސް މަޖިލީހަށް ގިނަ ވަގުތު މެމްބަރުންނަށް ދެވިފައިވާނެ އެވެ. އަދި ސަރުކާރުން ބިލުތައް ފޮނުވުމާއި އެކު ވަގުތު ބޭކާރު ކުރުމެއް ނެތި އަދިވެސް މަސައްކަތްތައް އެގޮތުގައި ކުރިޔަށް ދާނެކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑު ގަބޫލުގައި ސަރުކާރު މިހާރު އެ ދަނީ ސަރުކާރުން ހަމަ އެކަމަށް ތައްޔާރުވެ ވަޑައިންނަވަމުން.. އެ ގާނޫނުތައް ފަރުމާ ކުރައްވަމުން.. އެހެންވީމާ އަޅުގަނޑުމެންނާ ހަމައަށް އަންނާނެ، އައިމާ އަޅުގަނޑުމެން ހަމަ ރެއާއި ދުވާލު ތިބެގެން މީގެ ކުރީގައި ވެސް މަސައްކަތް ކުރި ގޮތަށް މަސައްކަތް ކުރާނަން.. މިދިޔަ ދައުރުގައި ވެސް ވެސް އަޅުގަނޑު ހަމަ މަސައްކަތް ކޮށްފަ ހުންނާނެ ވަރަށް ގިނަ ވަގުތު… އަދި ޗުއްޓީގައި ނުކުމެ ޗުއްޓީތެރޭގައި ވެސް މަސައްކަތް ކޮށްފައި ހުންނާނީ.. ރައްޔިތުން މަޖިލިސް މެންބަރު އިނގޭތޯ.. އެހެންވީމާ ސަރުކާރުން ގެންނަން ބޭނުންވާ ބަދަލު ރައްޔިތުންގެ މަޖިލިސް އާއި ހަމައަށް އަންނައިރު އަޅުގަނޑުމެން ހަމަ ހޭލާތިބެގެން.. މަސައްކަތްކޮށް ނިންމާނެ..

މުސްތަފާ ވިދާޅުވި ގޮތުގައި މަޖިލީހުގައި އެއްވެސް އަސާސެއް، އޮއްޓަރެއް ނެތް މަސައްކަތައްކޮށް ވަގުތު ބޭކާރު ކުރާކަށް މެމްބަރުން ނޫޅޭނެ އެވެ. އެއަށްވުރެ ބޮޑަށް 20 ވަނަ މަޖިލީހަކީ ޒިންމާދާރު މަޖިލީހަކަށްވެގެން ދާނެކަމަށް މުސްތަފާ ވިދާޅުވި އެވެ.

އާންމު ގޮތެއްގައި 13:30 ގައި ނިމޭ ޖަލްސާތައް މިހާރު 09:00 ގައި ފަށައި 10:30 އަށް ނިންމާލަނީ، ކޮމިޓީގެ މަސައްކަތްތަކަށް ޖާގަ ދިނުމަށްކަމަށް ބުނެ އެވެ. އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރާ ގޮތުން ވަގުތުގެ މައްސަލަތައް މިގޮތަށް ދިމާވަނީ، ސަރުކާރުން ފޮނުވާ ބިލުތައް ރަނގަޅަށް ދިރާސާ ނުކޮށް އަވަސް އަރުވާލައި ފާސްކުރުމެވެ. އަދި މަޖިލީހަށް ހުށަހަޅާނެކަމަށް ސަރުކާރުން އިއުލާނު ކުރި ގިނަ ބިލުތައް މަޖިލީހަށް ފޮނުވާފައި ނުވާކަމަށް ގިނަ މެމްބަރުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ޖަލްސާ 10:30 ގައި ނިމިގެންދާއިރު މަޖިލީހުގެ ކޮމިޓީތައް ކުރިޔަށްދާކަމަށެވެ. އަދި ހަގީގަތަކީ އެއީކަމަށް ވިދާޅުވެ ކޮމިޓީގެ މަސައްކަތްތަކުގެ ތާވަލުތައް ބެއްލެވުމަށް އެދިވަޑައިގަތެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮމިޓީއަށް ދާންޖެހޭ މެމްބަރުން މެންދުރު ވަގުތާއި ހަމައަށް މަޖިލީހުގައި އުޅުއްވާކަމަށެވެ. އަދި ގިނަ މަސައްކަތްތައް ކުރިޔަށް ދަނީ ކޮމިޓީގައިކަން ހުރިހާ މެމްބަރުން ވެސް އިއްތިފާގުވާނެކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ މަސައްކަތްތައް ކޮންމެ ދުވަހަކު ވެސް ކުރިޔަށްދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: