ސިންގަރޕޫރާއިއެކު ރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއެރުވުމަށް އެގައުމުގެ ވެރިންނާއި އަދި މިނިސްޓަރުންނާއިއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ ސިންގަޕޫރުގެ ރައީސް އަދި ބޮޑު ވަޒީރާއިއެކު ކުރެއްވި ބައްދަލުވުމުގައިވެސް މަސްވެރި ސިނާއަތުގެ ވާހަކަ ދެކެވިގެން ދިޔަ ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރި ސިނާއަތަށް ރައިސްގެ ފޯކަސް ނުވަތަ އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކަންކަންވެސް ފާހަގަކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގައުމުގެ ސަސްޓައިނަބިލިޓީ މިނިސްޓަރާއި ބައްދަލުވި ކަމަށާއި، ދެގައުމު އެކުގައި މަސްވެރިކަމުގެ ކަންކަން ކުރިއަރުވަން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސިންގަޕޫރުގެ ޕްރައިވެޓް ސެކްޓަރ އަދި ސަރުކާރުގެ އެހީތެރިކަމާއިއެކުވެސް ކުރަން ހުރިއެކި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. ސިންގަޕޫރަކީ މަސް އެތެރެ ކުރާ ގައުމެއް ކަމަށާއި އަދި ރާއްޖެ އާއި ސިންގަޕޫރަށް ބަލާނަމަ ހުއިފިލަނޑާ ފަދަ އެއްޗެހި އިމްޕޯޓު ކުރާ ކަމަށް މިނިސްޓްރަ ވިދާޅުވިއެވެ.
އޭގެއިތުރަށް އެކި ވައްތަރުގެ މަސް ތައިލެންޑުގެ ބާޒާރަށް ފޯރުކޮށްދޭ ކަމަށާއި އެއީ ޓްރާންސްޝިޕް ކުރާ ތަނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެހެންވާނަމަ މަސް އަގުހެޔޮކޮށް ގަންނަނަމަ، މަސްވެރިންގެ އަގުތަކަށްވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ލުއިވާނެ ހުރިހާ ގޮތެއް އަދި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކަށްވެސް އަދި ރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީ ކުރަން ހުރި ކަންކަންވެސް ސިންގަޕޫރާއި އަދި އެގައުމުގެ ޕްރައިވެޓް ތަންތަނާއިއެކު މަސައްކަތްކޮށް އެކަންކަން ހާސިލް ކުރަން ބޭނުންވާ ކަމަށެވެ.

