މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރައްވާނެ ލޯގޯއެއް ކަނޑައަޅުއްވައި، އެ ލޯގޯ މި އަހަރުގެ ޖުލައި 26 ން ފެށިގެން 2026 ޖުލައި 25 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއެކު ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ސަރުކާރު އޮފީސްތަކަށް ދެއްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް މިހާރު ވަނީ ދައްކާލާފައެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމެވެ.

