ސްކޫލު ދަރިވަރުންގެ މެދުގައި އާންމުވެފައިވާ، ”ކޮންފެޝަން“ ޕޭޖްތަކާއި ދެކޮޅަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފިއެވެ.
ކޮންފެޝަން ޕޭޖުތަކަކީ، ”އެނޮނިމަސް“ކޮށް ނުވަތަ އެ ޕޭޖަކަށް މައުލޫމާތު ހިއްސާކުރާ ފަރާތުގެ މައުލޫމާތު ވަންހަނާކޮށް، މައުލޫމާތު ހިއްސާ ކުރެވޭ ޕޭޖުތަކަކެެވެ. މި ޕޭޖުތައް އާންމުގޮތެއްގައި އަމާޒުވެފައިވަނީ، ސްކޫލުގެ ދަރިވަރުންނަށެވެ. އެގޮތުން، މި ޕޭޖުތަކުގައި ދަރިވަރުންނާއި ޓީޗަރުންނާއި ބެހޭ ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތްކުރުމާއި، ފުރައްސާރުކުރުމުގެ އިތުރުން ނަފްސާނީ ގެއްލުން ލިބޭ ފަދަ ވާހަކަތައް ދައްކައެވެ.
މިކަމާއި ގުޅިގެން ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ، ސޯޝަލް މީޑީއާގެ ޕްލެޓްފޯމުގައި ކޮންފެޝަން ޕޭޖުތައް ބޭނުންކޮށްގެން، ސައިބާބުލީކުރުމުގެ އަމަލުތައް އިތުރުވަމުންދާއިރު، އެ މައްސަލަ ހުއްޓުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިކަމަށެވެ. އެގޮތުން، މި މަސައްކަތް ފަށައި، ފާއިތުވެދިޔަ ހަފްތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖުތަކެއް ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނިއެވެ.
މީގެއިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މި ޕޭޖުތަކާއި ގުޅޭ ތަހުގޔތައް ކުރަން ފަށާފައިވާކަމަށާއި، ކޮންފެޝަން ޕޭޖުގެ އިތުރު 20 ޕޭޖެއްގެ މައްސަލަ ފުލުހުންގެ ފެމިލީ އެންޑު ޗައިލްޑު ޕްރޮޓެކްޝަން(އެފްސީޕީޑީ)އާއި ސައިބާ ކްރައިމް ސެންޓަރުގެ ބައިވެރިވުމާއިއެކު ބަލަމުންދާކަމަށް ފުލުހުން ބުނިއެވެ.
މި މައްސަލައަކީ، ހައްލެއް ނުލިބި، އެތަކެއް ދުވަސްތަކެއް ވަންދެން ދިގު ދަމައިގެން ގޮސްފައިވާ ބޮޑު މައްސަލައެކެވެ. މި ޒަމާނުގެ ސްކޫލު އުމުރުފުރާގެ ކުދިންނަކީ ފޯނާއި ދޯޅަބަޔަކަށްވެ، ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށް ވުމާއިއެކު، މިފަދަ ޕޭޖުތައް ހިންގުމަކީ ފިތުނައާއި ފަސާދަ އިތުރުވެ، ކުށެއްނެތް ކުޑަކުދީންނާއި މި ޕޭޖުތަކުގެ ޝިކާރައަކަށްވާ އެހެނިހެން ފަރާތްތަކުގެ އަބުރާއި ހައްގުތަކަށް އަރައިގަތުމަށް މަގުފަހިވާނެކަމަށެވެ.

