ދިވެހި ފަންނާނުން ބާރުވެރިކުރުވައި ފަތުރުވެރިކަމުގެ ދާއިރާގައި ބައިވެރިކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން ހުޅުވާލި ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި 2 އޮފްއަސް މިއުޒިކް ބޭންޑް ހަމަޖައްސައިފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) ވަނީ ބުނެފިއެވެ.
އެމްއެމްޕީއާރުސީން އިން އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި 2 އޮފްއަސް ބޭންޑް ހޮވިފައިވާ ކަމަށެވެ. ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި އެ ބޭންޑުން، އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާފޯމަންސްތައް ހިމެނޭހެން، ހުރިހާ ޝޯއަކާއި އިވެންޓެއްގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާނެއެވެ. އަދި ސެޕްޓެމްބަރު މަހު ”ބްރިޓަންސް ގޮޓް ޓެލެންޑް 19“ ގައި އޮޑިޝަންކުރުމުގެ ދައުވަތު ވެސް އެ ބޭންޑަށް ވަނީ ލިބިފައިވާ ކަމަށް އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ.
ވިޒިޓް މޯލްޑިވްސްއިން ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމް އިއުލާންކުރީ ރާއްޖެ އަކީ ސަގާފީ ގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބައިވެރިކޮށް ބާރުވެރިކުރުވުމުގެ މަގުސަދުގައެވެ. އެމްއެމްޕީއާރުސީއިން ބުނީ އެ ޕްރޮގްރާމްގެ ސަބަބުން ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ އައިޑެންޓިޓީއާއި ސަގާފަތާއި ތަރިކަ އާއި ގުދުރަތީ ރީތިކަން ތަފާތު ފަންނުވެރިން ހަރަކާތްތަކުން ދައްކައިދިނުމަށް ރާއްޖޭގެ ހުނަރުވެރި ފަރާތްތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ ސަގާފީ އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ރާއްޖޭގެ ފަންނާނުންނަށް ހޯދައިދީ، ރާއްޖޭގެ ޙަޤީގީ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ހިއްސާކޮށް ދިވެހި ހުނަރުވެރިންގެ އަގުވަޒަންކުރުމަށް ކަމަށް ބުނެފައިވެއެވެ. ލޯކަލް އެމްބެސެޑަރުންގެ ޕްރޮގްރާމްގެ ދަށުން ހުޅުވާލި ފުރުޞަތުގައި، ފަންނުވެރިކަމާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް ކޮންމެ ދިވެއްސަކަށް ވެސް އެ ޕްރޮގްރާމަށް ކުރިމަތިލެވޭނެކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ.

