ސިވިލް ސަވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސިވިލް ސަވިސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހުޅުވާލާފައެވެ.
މި ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 2025 ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދެއްވާފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ސިވިލް ސަވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

