ފަރުމުލީގައި ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ގެޒެޓު ކުރި އިއުލާނުގައިވާ ގޮތުން ނ. އަތޮޅު ފަރުމުލި ތަރައްގީ ކުރުމަށް ހުޅުވާލާފައި ވަނީ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާއި އެކު 15 ހެކްޓަރަށް ވުރެ ބޮޑު ނޫން ރަށެއް ހިއްކުމަށެވެ.
ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 21 އާއި އޮގަސްޓު މަހުގެ 18 ގައި 10:00 ގައި ބާއްވާ ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވެ މައުލޫމާތު ސާފު ކުރެވޭނެ އެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެ، މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަޅަން ޖެހެނީ ސެޕްޓެމްބަރު 10 ގެ 10:00 ގެ ކުރިންނެވެ.
މައުލޫމާތު ސެޝަންތަކުގައި ބައިވެރިވުމަށް، މައުލޫމާތު ބައްދަލުވުން ބާއްވާ ދުވަހުގެ އެއް ދުވަސް ކުރިން ނަން ނޯޓު ކުރެވޭނެ އެވެ.
މިނިސްޓްރީން ވަނީ ޖުލައި 20 އަދި އޮގަސްޓު 17 ގެ 12:00 ކުރިން އަށް ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަމްބަރު planning@tourism.gov.mv އަށް އީމެއިލް ކުރުމަށް އެދިފަ އެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ އިއުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓު www.tourism.gov.mv އިން ލިބެން ހުންނާނެކަމަށެވެ. އަދި ބީލަން ފޮތް ލިބޭނީ ޖުލައި 8 އިން ފެށިގެން 9 ސެޕްޓެމްބަރުގެ ނިޔަލަށްކަމަށް ވަނީ ބުނެފަ އެވެ.
މި ފޮތް ވެލާނާގޭގެ 05 ވަނަ ފްލޯގައި ހުންނަ ޓުރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
މިނިސްޓްރީން ވަނީ އިއުލާނާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ ބީލަން ހުށަހެޅުމުގެ ސަރުކާރު ބަންދުނޫން 3 ދުވަސް ކުރިން planning@tourism.gov.mv އަށް އީމެއިލް ކުރުމަށް އެދިފަ އެވެ،

