އަހަރުގެ މިހާތަނަށް އައިއިރު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފިކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ހައުސްއިން ނެރެފައިވާ ޖޫންމަހުގެ ޒަކާތު ރިޕޯޓަށް ބަލާއިރު، ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް މިދިޔަ މަހު 104 މީހަކަށް ވަނީ ހޭދަކޮށްފައެވެ. މިހާތަނަށް އެންމެބޮޑަށް ހޭދަކޮށްފައި ބޭސްފަރުވާގެ ކަންކަމަށް ކަމަށް ޒަކާތު ފަންޑުން ނެރެފައިވާ ރިޕޯޓުން އިނގެއެވެ.
އެގޮތުން ބޭސްފަރުވާގެ ކަންކަމަށް އަހަރުގެ މިހާތަނަށް 8.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ހުސްވި ޖޫންމަހު އެންމެ ގިނައިން އެހީދީފައިވަނީ، ޓްރާންސްޕްލާންޓް ކުރުމަށާއި، ކެންސަރުބަލީގެ ފަރުވާ ހޯދަމުންދާ މީހުންނަށް ކަމަށް ރިޕޯޓުން ހާމަވެއެވެ. ކެންސަރު ބައްޔަށް ފަރުވާކުރުމަށް 2.3 މިލިޔަން ރުފިޔާގެ އެހީ ދީފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެއެވެ.
ޒަކާތު ފަންޑުން ޖޫންމަހު ކުރި ހޭދަ:
– ޓްރާންސްޕްލާންޓް : 796،443
– ކެންސަރު ބަލި : 245،949
– ކިޑްނީ ބަލިތަކަށް : 38،164.50
– ހިތުގެ ބަލިތައް ؛ 21،202.50
– ސިކުނޑީގެ ބަލިތައް : 46،645.50
ޒަކާތު ފަންޑުން ދަނީ ބޭސްފަރުވާގެ ހަރަދުގެ އިތުރުން އެހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ 6 މަސް ދުވަހު ފަޤީރުންނާއި މިސްކީނުންގެ ބައިން ޒަރޫރީ އެހީގެ 110،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައި ވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ގުރުއާން ހިތުދަސްކުރުމާއި، ގުރުއާނުގެ އިލްމު ފެތުރުމަށް ޖޫންމަހު ޒަކާތު ފަންޑުން 568،260.92 ރުފިޔާ ހޭދަކޮށްފައިވައިރު، މަތީ ތައުލީމަށް ވަނީ، 60،488.76 ރުފިޔާ ހޭދަކޮށްފައެވެ.
މީގެ އިތުރުން ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ ޢިލްމު ފެތުރުމަށްޓަކައި 2.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްވެސް 1.66 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

