ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރިޓަޔަރ ކުރެއްވި ނަމަވެސް، ކޮންސަލްޓެންޓެއް ނުވަތަ އެފަދަ އެހެން މަގާމެއްގައި ހުރެ އަދިވެސް ހިދުމަތް ކުރުމަށް ބޭނުންވާތީ އެގޮތަށް ހުށަހަޅާފައިވާނެކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިންޑިރެކްޓަރ މައުރޫފް ޖަމީލް ވިދާޅުވެއްޖެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވެ މިދިޔަ ކުރު މުއްދަތެއްގެ ތެރޭގައި މައުރޫފް ވަނީ، އެ ކޯޕަރޭޝަންގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ތަންފީޒު ކުރައްވާފަ އެވެ. އެގޮތުން ހުޅުމާލޭގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފާހަގަކުރެވެ އެވެ.
މަގާމުގައި އަށް މަސް ހޭދަކުރެއްވުމަށް ފަހު ރިޓަޔަރ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން މުވައްޒަފުންނަށް އެންގެވިކަމަށް މީޑިއާތަކުން ރިޕޯޓު ކުރީ މި ހަފްތާގެ ތެރޭގަ އެވެ. އެކަމަށް ބައެއް މީހުންގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މައުރޫފް ވަނީ ރިޓަޔަރ ކުރައްވާ ސަބަބާއި ގުޅޭ މައުލޫމާތުތައް ދެއްވާފަ އެވެ. އަދި މައުރޫފްގެ އެމްޑީކަމުގައި އެޗްޑީސީއަށް ގެނެވުނު ބަދަލުތަކާއި، ގެންގުޅުއްވި ތަސައްވުރު ތަންފީޒު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ވެސް ދެއްވާފައި ވެއެވެ.
މައުރޫފް ވިދާޅުވީ މިދިޔަ އަށް މަސް ތެރޭގައި އެޗްޑީސީއަށް ގިނަ އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި އެންމެ އިސްކަމެއް ދެއްވީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށްކަން ފާހަގަކުރައްވައި ވިދަޅުވީ ކުންފުނީގެ ހިންގުމަށް ގެނައުމަށް ނިންމެވި ހަރުދަނާ ބަދަލުތަކުގެ ނަތީޖާ ކުރު މުއްދަތެއްގެ ތެރޭގައި ފެނިގެން ދިޔަކަމަށެވެ.
ސެމީ ރިޓަޔާމަންޓުގައި އަޅުގަނޑު ހުރީވެސް ހުރެފައި ދެން މިކަމަށް އައީ.. އަޅުގަނޑުގެ އެންމެ މުހިންމު ސަބަބަކީ މިކަމުގެ މުހިންމުކަމާއި އެޗްޑީސީއަށް އިސްލާހު ގެނައުން.. ރައީސަކު ރިކުއެސްޓު ކުރީމައި ބަލައިގަންނަން ޖެހޭނެކަމަށް ގަބޫލު ކުރާތީ.. އަދި ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މިކޮށްދެވޭނެކަމެއްކަން ޔަގީންވާތީ، މިހާރު ވެސް ފުލް ރިޓަޔާމަންޓަކަށް ދާކަށް ނޫން.. ރިޓަޔާކޮށްފައި އަޅުގަނޑު ބޭނުންވަނީ ހަމަ އެޗްޑީސީގެ ކޮންމެވެސް އެޑްވައިޒާ ނަމަވެސް ކޮންމެވެސް މަގާމެއްގައި ކޮންޓިނިއު ކުރުން..
މައުރޫފް ވިދާޅުވީ އެޗްޑީސީގެ ހިންގެވުމާއި ހަވާލުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި އިރު ވެސް ހުންނެވީ ރިޓަޔަރ ކުރައްވައިގެން ކަމަށެވެ. އެހެން ނަމަވެސް ގައުމުގެ ވެރިއެއްގެ ފަރާތުން ހުށަހެޅުމެއް އައުމަށް އެއަށް އިންކާރު ކުރަން ޖެހޭކަމަށް ގަބޫލު ނުކުރާތީ، މަސައްކަތާއި ހަވާލުވުމަށް ގަބޫލުވީކަމަށް މައުރޫފް ވިދާޅުޔވި އެވެ.
މައުރޫފް ވިދާޅުވީ އެޗްޑީސީއަށް ގެނެވުނު އެކި ބަދަލުތަކާއި އެކު، އޭނާ ބޭނުންވި ލަނޑުދަނޑި ހާސިލު ކުރެވިފައިވާކަމަށެވެ. އަދި އެޗްޑީސީން ރިޓަޔަރ ކުރެއްވި ނަމަވެސް ބޭނުން ވަނީ ތަނުގައި ކޮންމެވެސް އެއް ގޮތަކުން ހިދުމަތް ކުރުމަށްކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެކި މަސައްކަތްތަކުގައި ލަފާއެރުވުމުގައި ވެސް، ދައުރެއް އަދާކުރެވިދާނެކަމަށް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި އޭނާ ވާނީ، ކޮންސަލްޓެންޓެއްގެ ގޮތުގައި ލަފާ އެރުވުމަށް ހުށަހަޅުއްވާފަ އެވެ.
މީގެއިތުރުން މައުރޫފް ވިދާޅުވީ އެޗްޑީސީ ކުރިޔަށް ވުރެ މާ އުޖާލާކޮށް މިހާރު ކުރިޔަށް ދާނެކަމަށެވެ.

