ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުުންނެވި އަހުމަދު ސައީދު މުހައްމަދަށް ދައުވާކޮށްފިއެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ސައީދާއި އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ސައީދަށް ދައުވާ ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީން ބުނީ އޭޕްރީލް 30، 2023 ގައި ފެނަކައިގެ އެމްޑީގެ ގޮތުގައި ހުރެ، ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީއާ ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި އެ ރަށުގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި 11.3 މިލިއަން ރުދިޔާއަށް އެ އައިސްޕްލާންޓު ގަތް ކަމަށެވެ.
އެކަން ކުރީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔަކާ ނުލާ ކަމަށާއި ފެނަކައިގެ ބިޒްނަސް ޕްލޭނުގައި ވެސް އެ އައިސްޕްލާންޓަކީ ފައިނޭންޝަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫން ކަމަށް ބަޔާންކުރާ ކަމަށެވެ. ޕީޖީން ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ އާންމު ބައްދަލުވުމުގައި ސެޕްޓެމްބަރު 7، 2023 ގައި ސައީދު ބައިވެރިވެ މަޝްވަރާކޮށްގެން އައިސްޕްލާންޓް ގަންނަން ނިންމި ކަމަށެވެ.
ޕީޖީން ބުނި ގޮތުގައި ފެނަކައިން އިންހައުސްކޮށް މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ އެ ވާހަކަ ހުއްޓުވައި، ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓާ ދެމެދު ހަމަ އެ ތާރީހުގައި އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެެވެ. އެއްބަސްވުމުގެ ދަށުން 11.3 މިލިއަން ރުފިޔާ ކައިޒާން އިންވެސްޓްމަންޓަށް ފެނަކައިން ދެއްކުމަށް މަގުފަހިކޮށްދީ، އެ ފައިސާ އެ ކުންފުންޏަށް ދައްކަން ޖެހޭ ގޮތަށް އެއްބަސްވުން ހަަދައި ސޮއިކޮށްފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
އެހެންވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރީ މިދިޔަ މެއި މަހުގެ 20 ގަ އެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ޕީޖީން ބުންޏެެވެ.

