އުނގެނުމަށް ކުރެވޭ ހޭދައަކީ އެންމެ ރަނގަޅު އިންވެސްޓްމެންޓްކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ދަރިވަރުން ހޯދާ ކާމިޔާބީއަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތާއި، ބޮޑެތި ޤުރުބާނީތަކެއް، އަދި މުދައްރިސުން ކުރެއްވި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އުނގެނުމަކީ ބުރަ މަސައްކަތެއްކަމަށާއި، ކިޔަވަން އުޅޭ ދުވަސްވަރު ވަރަށް ބޮޑު ލޮޑުކަމެއް، ވަރުބަލިކަމެއް އަމިއްލަ ހަށިގަނޑަށް އަދި ސިކުންޑިއަށްވެސް ލިބިގެންދާކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނެ ފަރާތަކީ ދަރިވަރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ހަޤީގީ މާނައިގައި ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުންކަމަށެވެ.
އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. މިހިސާބުން މަސައްކަތް ހުއްޓަވާ ނުލައްވާ އުނގެނުމުގައި އަބަދުވެސް ދެމިތިބުމުގެ އަޒުމް ކަނޑައެޅުއްވުމަށް މިނިސްޓަރ ދަސްވެނިންނަށް އިލްތިމާސް ކުރެއްވިއެވެ.
ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ހޯދައިގެން ލިބޭ ދާއިރާތަކުން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަޒީފާ ހޯދުމަށް ކުރެވޭ މަސައްކަތުގައި ތިމާ އެންމެ ބޭނުންވާ ވަޒީފާ ނުލިބޭނަމަ އެފަދަ ވަޒީފާއެއް އުފެއްދުމުގެ ޤާބިލްކަން ތިމާގެ ކިބައިގައި ހުރިތޯ ބަލާލުމަކީ ކުރަންޖެހޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

