ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފަށައިފިއެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު 09:30 ގައި ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ތަނުގައެވެ.

މި ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ދަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ. މިއާއިއެކު ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައި ވަނީ މޭއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.

”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާނަމަ އަދި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާނަމަ އެދުވަހަށް ހަމަޖެހިފައިވާ އެޕޮއިންޓްމެންޓް ކެންސަލްވާނެކަމަށް މިނިސްޓްރީއިން ބުންޏެވެ. އެހެންވެއްޖެނަމަ ދެން ޖެހޭނީ އާ އެޕޮއިންޓްމެންޓެއް ހަމަޖައްސާށެވެ.

ރަޖިސްޓްރީއާއި ހަވާލުވުމަށް ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. ބަދަލުގައި އަންނަ މީހެއްކަމަށްވާނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ. އަދި ނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ގެ އިތުރަށް، ކުރިން ދޫކޮށްފައިވާ ”ބަންޑާރަ ގޯތީގެ ރަޖިސްޓަރީ“ގެ އަސްލު ގެނަންނަށް ޖެހެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއިމެދު ކުރިން ހެދި އެއްބަސްވުންތައް އުވާލާ، އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރުކޮށްފައިވާކަމަށް ބުނެ ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއްވެސް ހުށައެޅުއްވިއެވެ.

މިއީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ހިންގި މަޝްރޫއުއެއްކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި މި މަޝްރޫއުގެ ދަށުން ގޯތި ލިބިފައިވާ މީހުންނާއިއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ގާނޫނާއި ފުށޫއަރާކަމަށް ބުނެ މި ސަރުކާރުން އުވާލާފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން އަމަލުކުރާނެކަމަށް ބުނެފައިވާ ލިޔުމެއް ބަދަލުކޮށް، އަމިއްލަ އަމިއްލައަށް ގޮތް ނިންމުމަކީ، ކޮންޓްރެކްޓާ ބެހޭ ގާނޫނާއި ހިލާފުކަމެއްކަމަށް މެންބަރު ވިދާޅުވިއެވެ. މިއީ ގޯތި ލިބުނު ފަރާތްތަކުގެ ހައްގަށް އުނިކަން އަންނާނެ ގޮތަށް ސަރުކާރުން ކުރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރުން ގަނޫނު އަސާސީއާއި ހިލާފުވުންކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކަށް އުނިކަން އައިސް، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ ދަރަޖައަށް އެބައޮތްކަމަށް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ހިޔާވެހި ފައިނޭންސިންގ ޕްރޮގުރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެއްވެސް ވަރަކަށް މިންގަނޑަކަށް ބަލައިގެންނެއް ނޫން ކަމަށެވެ. އެގޮތުން ގޯތި ދޫކޮށްފައިވަނީ އޮންނަންވާ މިންގަނޑަށް ހަދާފައިވާ ލޭންޑް ޔޫސް ޕްލޭނަކަށް ބަލައިގެންނެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީހުން އުޅޭ ތަނެއް ނަމަ މަގުތަކާއި، ސްކޫލުތަކާއި، ހޮސްޕިޓަލުތަކާއި، ހުސްބިންތަކުގެ އިތުރުން ޕާކު ފަދަ ތަންތަންވެސް ހުންނަންޖެހޭ ކަމަށާއި، އެ ބައިތައް ހިމެނުމެއް ނެތި ސިޓީއެއްވެސް އަދި އާބަން ސެންޓަރެއްވެސް ތަރައްޤީ ނުވާނެ ކަމަށެވެ. އެހެންކަމުން މިދިޔަ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ލޭންޑް ޔޫސް ޕްލޭނަކަށް ފައްތާލުމުން ގިނަ ގޯތިތައް ކަނޑުންވެސް ދޭން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގިރާވަރުފަޅުން ދީފައިވާ ގޯތިިތައް ގުޅީފަޅަށް ބަދަލު ކުރެއްވީ އެ ސަބަބާހުރެ ކަމަށެވެ. ގުޅީފަޅުގެ ބާކީ ހުރި ސަރަޙައްދުތައް ހިއްކުމަށް ވަރަށް އަވަހަށް ބަޔަކާ ޙަވާލު ކުރެވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ގުޅީފަޅުގެ މަގު ހެދުމާއި ކަރަންޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ޙަވާލު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނެ ކަމަށާއި ގެދޮރުވެރިކަމުގެ މައްސަލަ ޙައްލު ކުރައްވާނެ ކަމަށެވެ. ގުޅީފަޅުން އިތުރަށް ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން އެމްޓީސީސީއާއި އެކު އެއޯޔޫއެއްގައި ސޮއިކޮށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: