އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
މިގޮތުން ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޯކިޑް ޕްލާޒާއާއި ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ހުރީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ކަމުން އެތަންތަން ތަޅާލަން ނިންމައިފައިވާ ކަމަށެވެ. ޢިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އާދަމް ޝަރީފް ވިދާޅުވެފަވެއެވެ.
އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށައިފައިވާއިރު މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މި މަސައްކަތް ކުރަމުންދާއިރު ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މަޢާފަށްވެސް އެދިލައްވާފައިވާކަން ފާހަގަކުރެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަދަ ބާވެ ވީރާނާވެފައިވާ އިމާރާތްތަކުގައި ޑްރަގް ނުވަތަ މަސްތުވާތަކެތި ބޭނުން ކުރާފަރާތްތައް އެމީހުންގެ އައްޑައެއްގެ ގޮތުގައި ބޭނުންކުރެއެވެ. އަދި މިފަދަ ތަންތަނުގައި އަލިފާނުގެ ޙާދިޞާތައްވެސް ހިނގާކަން ފާހަގަކުރެވެއެވެ. މިގޮތުން އޯކިޑް ޕްލާޒާއާއި ހައުސް ޕްލާޒާގައި ވެސް މި ފަހުންވަނީ އަލިފާނުގެ ޙާދިޞާ ތަކެއް ހިނގާފައެވެ.

