އައު ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ވާހަކައާއެކު މުޅި ސޯޝަލް މީޑިއާ ފުރާލާފައިވަނީ އެ މަސައްކަތުގެ ހަގީގީ ކްރެޑިޓް ލިބޭނީ ކޮން ވެރިއަކަށްތޯ ނުވަތަ ކޮން ސަރުކާރަކަށްތޯ ކުރެވެމުންދާ ބަހުސާއެކުއެވެ.
ހަމައެއާއެކު، ތިލަމާލޭ ބްރިޖުގެ މަސައްކަތް 60 އިންސައްތައަށް ނިމުނު ޚަބަރާއެކުވެސް ހަމަ މި ބަހުސެއް ކޮށްފައިވެއެވެ. މި ބަހުސަކީ ރާއްޖޭގައި ތަރައްޤީގެ މަޝްރޫއެއް ފެށުމާއި، ނިންމުމާއި، ރިބަން ކެނޑުމާއި މި ހުރިހާ މަރުޙަލާއެއްގައިވެސް ކުރެވޭ ބަހުސަކަށްވެއްޖެއެވެ. އެކަން މާޒީވެ ދިޔަ އެކި ސަރުކާރުތަކުން ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުންވެސް ފެންނަން އެބައޮތެވެ.
އެހެންނަމަވެސް، ކޮންމެ ސަރުކާރަކުން ރިބަން ކެނޑިނަމަވެސް އެ މަޝްރޫއެއްގައި އެއްވެސް މިންވަރެއްގައި މަސައްކަތް ކޮށްފައިވާނަމަ އެމީހަކަށް އެކަމެއްގެ ކްރެޑިޓް ޙައްޤެވެ. އެއީ ބަޔަކު ބަހުސެއްކޮށް، ނުވަތަ ތަބަކަކަށް ލާފައި ދޭ އެއްޗަކަށްވުރެ ބޮޑަށް، ކަން އޮތް ގޮތުގެ ހަގީގެއް ނޫންތޯއެވެ؟
މިސާލަކަށް މީރު ކެއްކުމެއް ބަޔަކު ކައްކާއިރު، އޭގެ ކްރެޑިޓް ޙައްޤުވަނީ ހަމައެކަނި ކެއުން ސުފުރާމަތީގައި ބަހައްޓާ މީހާއަކަށްނޫނެއްނޫންތޯއެވެ؟ އެ ކެއުމެއްގެ ރެސިޕީ ތައްޔާރުކުރި މިހާއާއި، އެ ރެސިޕީއާ އެއްގޮތަށް ކެއްކުންގަނޑު ކެއްކި މީހާއާއި، ނުވިތާކަށް އެކަމުގައި އަތްގާތްކޮށްދިން މީހުންނަށްވެސް އެކަމުގެ ކްރެޑިޓް ޙައްޤުވާނެއެވެ. އެއީ ބަޔަކު ޒުވާބުކޮށް، ބަހުސްކޮށް މުޅި ޤައުމުގައި ފިތުނައަކަށް ބަދަލުކުރަންޖެހޭވަރުގެ ކަމެއް ނޫނެވެ.
މަޝްރޫއުތަކުގައިވެސް ކަން ހިނގާނީ ހަމަ އެބީދައިންނެވެ. އާ ޓާމިނަލް މަސައްކަތް ކަމުގައިވީނަމަވެސް، ތިލަމާލޭ ބްރިޖު މަޝްރޫއުކަމުގައިވީނަމަވެސް، ނުވިތާކަށް ރަށްރަށުގައި ފަށާފައި ނުނިމި ހުރި އެކި މަޝްރޫއުތައްކަމުގައިވީނަމަވެސް އެ މަޝްރޫއުތައް އޮތް ހިސާބުން ހަވާލުވެ ނިންމައިފިނަމަ އެކަމުގެ ކްރެޑިޓް މިހާރު އޮތް ސަރުކާރަށް ލިބޭނެއެވެ. އަދި އެ މަޝްރޫއުތަކުގެ 10 އިންސައްތަނަމަވެސް ކޮށްފައިވާނަމަ އެ 10 އިންސައްތައިގެ ކްރެޑިޓް މިދިޔަ ސަރުކާރަށްވެސް ނުލިބޭނެ ގޮތެއް ނޯންނާނެއެވެ.
ހަގީގަތުގައި ބަހުސް ކުރަންވީ އެކަމަކާނޫނެވެ. ބަހުސް ކުރަންވީ ތަރައްޤީގެ މަޝްރޫއުތައް ނުނިމި ދިގުލައިގެންގޮސް އެކިއެކި ސަރުކާރުތަކަށް ވާރުތަވާ ސަބަބާމެދުއެވެ. އަދި އެކަން ޙައްލު ކުރެވޭނެ ގޮތްތަކާމެދުގައެވެ. މަޝްރޫއުތައް ނުހިނގާ ސަބަބުތަކާމެދުގައެވެ. އަދި މަޝްރޫއުތައް ހިންގޭނެ ގޮތްތަކާމެދުގައެވެ. އޭރުން އެ ކުރެވެނީ ޤައުމާއި ރައްޔިތުންނަށް ދުރު މުސްތަޤުބަލުގައި މާ ބޮޑަށް ފައިދާވާނެ ބަހުސަކަށްވާނެކަން ޔަޤީނެވެ.

