ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު އާންމުކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެއީ ރައީސް އޮފީހުގެ މުވައްޒަފުން ނުހިމަނައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރަށް ދޮޅު އަހަރު ވެގެން ދިޔައިރު އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ސިޔާސީ މަގާމުތައް އިތުރުވަމުން ދާކަމަށެވެ. އެކަމަކު އަދަދުތަކާއި ގުޅޭގޮތުން ދެކެވެނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައި ވެއެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ހާމަކުރުމަަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ ތަފްސީލުތައް ހިއްސާކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަގާމުތަކަށް މިހާރު އައްޔަނު ކުރައްވާފައި ތިބި ޖުމްލަ އަދަދަކީ، 922 ކަމަށެވެ.
އެ ގިންތިތަކަކީ:
– ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
– ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
– ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
– ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
– ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
– ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
– ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
– ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
– އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
– އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން
ރައީސް އޮފީހުން ބުނީ ސިޔާސީ މަގާމުތަކަށް އައްޔަނު ކުރައްވާ ބޭފުޅުން ވަކިކުރުމާއި، އިސްތިއުފާ ދިނުން، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެކަމަށެވެ.

