ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 2 މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައްވައިފިއެވެ.
ހަމައެއާއިއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި 24 ޖޫން 2025 ގައި ކޮށްފައިވާ ނަންބަރު 1/2025/59/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިޢުލާނުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ފާރާތްތަކުން ހުށަހަޅުއްވާފައިވާ ލިޔުންތައް ބަލައިގެންފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވަނީ 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

