މިދިޔަ އެކި ދައުރުތަކަށް ނަޒަރު ހިންގާލާއިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ތަމްސީލުކުރާ ތަނަކީ ރައްޔިތުންގެ ވޯޓާއި އެކު އިންތިހާބުކޮށްފައިވާ މަޖިލިސް މެންބަރުންގެ ބަސްކަމުގައި ބެލެވުނެވެ. އޭރު އާންމު ގަބޫލުކުރުމަކީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށް ބަޔަކު އިންތިހާބުކޮށްފައި ތިބީ އެ ރައްޔިތުންގެ އަޑު އިއްވުމަށް ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ އަޑު މަޖިލީހުން އެންމެ ފުރިހަމައަށް އިއްވާނެ ކަމަށް އެންމެން ވެސް ގަބޫލު ކުރިއެވެ.
ތާރީހުން ފެންނަން އޮތް ހަގީގަތަކީ މަޖިލީހުން ހަގީގީ މާނައިގައި ރައްޔިތުންގެ އަޑު އިއްވާފައި ނުވާކަމެވެ. ތަޖުރިބާތަކަށް ބަލާއިރު، މަޖިލީހުގައި އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ފެނިފައި ވަނީ ހަމަނުޖެހުމާއި، އެކަކު އަނެކެއްގެ އަބުރަށް އަރައިގަތުމާއި، ގާނޫނުއަސާސީއަށް ހިޔާލަށް މަސައްކަތް ކުރުން ފަދަ ކަންކަމެވެ. މަޖިލިސް ތަޅުން ހޫނުވެ، މެމްބަރުންގެ މެދުގައި މާރާމާރީ ހިންގައި، ތަކެއްޗަށް ގެއްލުން ދީފައިވެސް އެބަހުއްޓެވެ.
މަޖިލީސް ތަޅުމުގައި ރައްޔިތުންނަށް މަންފާކުރަނިވި މަސައްކަތްތަކެއް ކުރެވޭ މަންޒަރު ގިނަ ފަހަރަށް ނުފެނެއެވެ. ރައްޔިތުންގެ ހިޔާލާ އެއްގޮތަށް އަމަލު ނުކުރާތަނުގައި، ހިޔާލު ހުރިގޮތް ވެސް ބަލާނުލަނީ އެވެ. ކޮންމެ ބިލެއް މަޖިލީހަށް ހުށަހަޅައި، ކޮމިޓީ މަރުހަލާގައި އާންމުންގެ ހިޔާލަށް ހުޅުވާލަ އެވެ. އެހެން ނަމަވެސް ރައްޔިތުން އެއަކަށް ވަގުތު ދީގެން، ބަޔާނުގައި ބުނެފައިވާ ގޮތަށް ހިޔާލު ހުށަހެޅުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭހެން ހީއެއް ނުވެ އެވެ. އެގޮތަށް ކުރެވުނު މަސައްކަތަކަށް އޮންނާނީ، ކުރީ ސަރުކާރުގައި މިނިމަމް ވޭޖު ކަނޑައެޅުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަޖިލިސް އިދާރާގައި ބޭއްވި ފޯރަމްތަކާއި ބައްދަލުވުންތަކެވެ. އޭރު އޮތް އެ ބައްދަލުވުންތަކަށް، އާންމުންނާއި އެކި ޖަމިއްޔާ ޖަމާއަތްތަކުން ހާޒިރުވެ ހިޔާލު ހުށަހެޅި އެވެ. އެކަމަކު އެ ބައްދަލުވުމުގައި އާންމުން ދެއްކެވި ވާހަކައަށް ވަޒީރާއި މެމްބަރުން އެއްގަލަކަށް އެރޭ ގޮތެއް ނުވި އެވެ.
ރައްޔިތުންގެ ހިޔާލާއި، މަޝްވަރާ ހޯދުމަށް ނިންމައި މި ސަރުކާރުން ވަނީ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. މިއީ ހުރިހާ ރައްޔިތުންގެ ޝާމިލުވުމާއި ބަސް ހިމެނޭ ގޮތަށް ނެގޭ ވޯޓެކެވެ. 2007 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން، ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓު ފިޔަވައި ޑިމޮކްރަސީގެ ތާރީހުގައި ވެސް އެފަދަ އެއްވެސް ހިޔާލެއް ހޯދާފައި ނެތެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ، ރައްޔިތުންގެ ބާރު އިތުރަށް ހަރުދަނާ ކުރުމަށް އެޅިގެންދާ މި ބިލަށް ކޮމިޓީގައި ރަނގަޅު ސަމާލުކަން ދޭން ޖެހެއެވެ. މި ބިލުގެ ސަބަބުން ރައްޔިތުންނަށް ގައުމުގައި ހިނގާ ބޮޑެތި އަދި މުހިންމު ކަންކަމުގައި އެއްވެސް ނުފޫޒެއް ނެތި ގޮތް ނިންމުމަށް ފުރިހަމަ ބާރު ލިބިދެއެވެ.
މި ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އެކި ޝަކުވާތަކަށް ތަސައްލީއެއް ވެސް ލިބިގެންދާނެ އެވެ. މިފަހުން ޤާނޫނުއަސާސީއަށް ގެނައި އިސްލާހަކާއި ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދި، ސިޔާސީ ބޮޑު ހިޔާލުތަފާތުވުމަކަށް ވެސް ދިޔަ އެވެ. އެއާއި އެކު ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދާއި މެދު ހޮތް ހިޔާލުން ފެށިގެން، ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކެޕް ކުރުމުގައި ދެން އޮންނާނީ ރައްޔިތުންގެ ބަހެވެ.
މިއީ މަޖިލީހުގައި ތިބޭ މެމްބަރުންގެ ސިޔާސީ ނުފޫޒާއި، ސިޔާސީ ވިސްނުމަށް އަންނާނެ ނިމުމެކެވެ.
އެހެންނަމަވެސް، ދެން އުފެދޭ ސުވާލަކީ އާންމު ރައްޔިތުންގެ މެދުގައި އެ ނިންމާ ނިންމުންތައް ހުންނާނީ ނިމިދިޔަ އެކި އިންތިހާބުތަކުގައި ކަން ހިނގާދިޔަ ގޮތަށްތޯއެވެ. ގިނަ ފަހަރަށް އާންމުންގެ އަޑު އޮންނަނީ ވަކި ފަރާތަކަށް ބުރަވެފައެވެ. އެއީ ސަރުކާރެއްގެ ވިސްނުމާއި، އިދިކޮޅު ޕާޓީގެ ބަހެވެ. އޭރަކު ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އޮންނަނީ ވަކި ބައެއްގެ ވިސްނުމަށް ބުރަވެވޭ ގޮތަށެވެ. އެހެންކަމުން މިފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި އާންމު ރާންމު ރައްޔިތުން އެމީހުންގެ އަމިއްލަ ވިސްނުން އިސްކޮށް، ކަންކަމުގައި މިނިވަންކަމާއެކު އަޑު އުފުލަން ޖެހެ އެވެ.
ރައްޔިތުންނަށް ސަރުކާރަކުން ފޯރުކޮށްދޭ ކަންކަން ނުވަތަ ގާނޫނަކަށް ގެންނަ ބަދަލަކީ އެންމެ ރަނގަޅު ބަދަލު ނޫން ކަމުގައި ދެކޭނަމަ އެކަމަށް އަޑުއުފުލަން ޖެހެ އެވެ. ހަމަ އެބީދައިން، ރަނގަޅު ކަންކަމަށް ތާއީދު ކުރަން ޖެހެއެވެ.
ގައުމެއްގެ ކުރިއެރުމަށް، އާންމުންގެ ހިޔާލާއި މަޝްވަރާ ވަރަށް ވެސް މުހިންމެވެ. މި ބިލުން ބޭނުންވާ ހަގީގީ ފައިދާ ނެރެވޭނީ ރައްޔިތުން މިނިވަންކަމާއެކު އެމީހުންގެ އަޑު އުފުލައިގެންނެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލަކީ ޑިމޮކްރަސީގެ އަސާސްތައް ވަރުގަދަކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

